އިންޑިއާގައި އަލަށް ވިޔަފާރިތައް
ފަށާ ފަރާތްތަކަށް އަމާޒުކޮށް 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ފަންޑެއް
ޤާއިމްކޮށްފިއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ
މޯދީ އިފްތިތާޙުކޮށްދެއްވި މި ފަންޑާއެކު އެޤައުމުގެ ކުންފުނިތަކާއި
އިންވެސްޓަރުންނަށް ޓެކްސް ދެއްކުމުގައި ލުއި ދިނުމަށް ސަރުކާރުން ނިންމާފައިވާ
ބައެއް ކަންކަމަށް އަމަލުކުރަންވެސް ވަނީ ފަށާފައެވެ. މިގޮތުން އަލަށް ފަށާ
ވިޔަފާރިތަކަށް، ފުރަތަމަ ތިން އަހަރު ލިބޭ ފައިދާއިން ޓެކްސް ނުނަގާ ގޮތަށް
އެޤައުމުން މިހާރު ވަނީ ނިންމާފައެވެ.
މޯދީގެ ސަރުކާރުން އިންޑިޔާގެ
އުފެއްދުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށް، އެޤައުމުގައި އެކިއެކި
މަޝްރޫޢުތައް ކުރިއަށްގެންދަން ފަށާފައިވާއިރު، އިއްޔެ ފެށި މި ފަންޑުގެ އިތުރުން
ޓެކްސް ދިނުމުގައި ކަނޑައެޅި ލުއި ގޮތްތަކުގެ ސަބަބުން، އެޤައުމުގެ އިޤްތިސާދު
ކުރިއެރުވުމަށް ބޭނުންވާ ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވި، މަސައްކަތްތެރިންގެ
އަދަދު އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.