އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމަށްޓަކައި
ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ވީ އެއްބަސްވުމަކީ އީރާނުގެ ފަހުގެ
ތާރީޚުގައި ހިމެނޭ ރަނުގެ ސަފްޙާއެއްކަމަށް އެޤައުމުގެ ރައީސް ހަސަން ރޫޙާނީ ސިފަކުރައްވައިފިއެވެ.
އީރާނުގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ރޫޙާނީ ވިދާޅުވީ މިއެއްބަސްވުމުގެ
ސަބަބުން އީރާނުގެ ރައްޔިތުންނަށް އަމިއްލަ ނަފްސުގެ އިތުބާރު ލިބިފައިވާ ކަމަށާ
އަދި އޭގެ އިތުރުން ބައިނަލްއަޤްވާމީ ދުނިޔެއާއި އީރާނާ ދެމެދު ގުޅުންތައް
ބިނާކުރުމުގެ އައު ސަފްޙާއެއްވެސް ހުޅުވިގެން ހިނގައްޖެ ކަމަށެވެ.
ރޫޙާނީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ނިއުކްލިޔަރ
އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން އީރާނުން ކުރަންޖެހޭ ކަންތައްތައް
ކޮށްފައިވާތީ، އެޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިކަން
އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން އިޢުލާން ކޮށްފައިވަނިކޮށެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތް
ވެގެންދިޔުމަކީ ރައީސް ޙަސަން ރޫޙާނީއަށް ލިބިވަޑައިގެންނެވި އާދަޔާ ޚިލާފު
ކާމިޔާބީއެއްކަމަށް ބައިނަލްއަޤްވާމީ މީޑިޔާއިން ވަނީ ސިފަކޮށްފައެވެ.