ސަރުކާރުގެ ބަޖެޓުން ދޫކުރުމަށް ހަމަޖެހިފައިވާ 50 މިލިއަން ރުފިޔާގެ
އެސްއެމްއީ ލޯނަށް ހުޅުވާލި ފުރުޞަތުގެ ފުރަތަމަ ދުވަހުވެސް ވަރަށް ގިނަ
ފަރާތްތަކުން ލޯނަށް އެދި ޕްރޮޕޯޒަލްތައް ހުށަހަޅާފައިވާކަމަށް އިޤްތިޞާދީ
ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް
މިނިސްޓްރީގެ ވެލިއު އެޑެޑް ޗެއިން ސްޕެޝަލިސްޓް އަޙުމަދު މުމްތާޒު ވިދާޅުވީ
ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ ބޭނުން ވީހާވެސް ފުރިހަމައަށް
ހިފުމަކީ މުހިންމުކަމެއްކަމަށެވެ. އެގޮތުން އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ނުވަތަ ކުރަމުންދާ
ވިޔަފާރިއެއް ފުޅާކުރުމަށް ބޭނުންވާ ފަރާތްތަކުންވެސް ފަހުވަގުތަށް މަޑު
ނުކުރައްވާ ވީހާވެސް އަވަހަކަށް ލޯނަށް އެދި ހުށަހެޅުމަކީ މުހިންމު ކަމެއްކަމަށް
އޭނާ ވިދާޅުވިއެވެ.
މި ލޯނާއި ގުޅޭ މަޢުލޫމާތު ވަރަށް ގިނަ ފަރާތްތަކުން ސާފު ކުރަމުންދާކަމަށްވެސް
މުމްތާޒު ވިދާޅުވިއެވެ. ލޯނަށް އެދުމުގެ ފުރުޞަތުވަނީ
މިހަފްތާގެ ބުރާސްފަތިދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށް ހުޅުވާލާފައެވެ. އިޤްތިޞާދީ
ތަރައްޤީއާބެހޭ ވުޒާރާއާއި އަތޮޅުތެރޭގައި
ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުގެ އިތުރުން އީމެއިލް މެދުވެރިކޮށްވެސް
ލޯނަށް އެދި ހުށައަޅާނެ އިންތިޒާމް އެ ވުޒާރާއިންވަނީ ހަމަޖައްސަވާފައެވެ.