ދުނިޔެ

އައި.އޭ.އީ.އޭއާއި އީރާނުގެ ގުޅުން އައު މަރުހަލާއަކަށް


ނިއުކްލިޔަރ އެއްބަސްވުން ތަންފީޒުކުރަން ފެށުމާއެކު އީރާނާއި އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ގުޅުންތައް މުޅިން އައު މަރްޙަލާއަކަށް ވަދެފައިވާ ކަމަށް އެ އެޖެންސީގެ  ވެރިޔާ ޔުކިޔާ އަމާނޯ ވިދާޅުވެއްޖެއެވެ.އަމާނޯ ވިދާޅުވީ އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުން ތަންފީޒުކުރަން ފެށުމަކީ މިހުރިހާ ޤައުމުތަކުންވެސް ކުރިޔަށްއެޅި ފިޔަވަޅެއްކަމަށެވެ. ޔުކިޔާ އަމާނޯ މިމޭރުމުން ވާހަކަ ދެއްކެވީ އީރާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައެވެ. މިއީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން ތަންފީޒުކުރަން ފެށިފަހުން އަމާނޯ އީރާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.މިދަތުރުފުޅުގައި އަމާނޯވަނީ އީރާނުގެ ރައީސް ޑރ. ޙަސަން ރޫހާނީއާއި އެޤައުމުގެ އިސް ވެރިންނާއި ބައްދަލުކުރައްވާފައެވެ. ނިއުކްލިޔަރ މައްސަލާގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން އުވާލީ ނިއުކްލިޔަރ އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން އީރާނުން ކުރަންޖެހޭ އެންމެހާކަންތައްތައް އެގައުމުން ކުރިކަން ބަޔާންކޮށް އަނާމޯ ސޮއިކުރައްވައި އައި.އޭ.އީ.އޭ އިން ނެރުނު ރިޕޯޓާ ގުޅިގެންނެވެ. ތެހެރާންގައި ދެއްވި ބަޔާނެއްގައި އަމާނޯ ވިދާޅުވީ ނިއުކްލިޔަރ އެއްބަސްވުން ތަންފީޒުކުރަން ފަށާފައިވާތީ އީރާނުގެ ނިއުކްލިޔަރ ހަރަކާތްތައް ކުރިޔާއަޅާ ބަލާއިރު މަދުވެގެންދާނެ ކަމަށެވެ. ނިއުކްލިޔަރ ހަރަކާތްތައް މަދުވުމުން އެހަރަކާތްތައް ބަލައި ފާސްކުރުމަށް އައި.އޭ.އީ.އޭ އަށް ފަސޭހަވެގެންދާނެ ކަމަށާ އަދި  އިނިސްޕެކްޓަންގެ ނިޒާމު ކުރިޔަށްވުރެ ކޮލިޓީވެ ހަރުދަނާވެގެންދާނެ ކަމަށްވެސް އަމާނޯ ވިދާޅުވިއެވެ.ނިއުކްލިޔަރ އެއްބަސްވުން ތަންފީޒުކުރަން ފެށުމުގެ ގޮތުން އީރާނުން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި  އެޤައުމުގެ އަރަކް ނިއުކްލިޔަރ މަރުކަޒުގައި ބޭނުންކުރާ ހެވީވޯޓަރ ޓެކްނޮލިޖީގެ ރިއެކްޓަރުގެ މައިގަނޑު ބައިތައް ނެގުމާއި ތިނެއް އިންސައްތައަށް ވުރެ މައްޗަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ނައްތާލުން ހިމެނެއެވެ. މިކަންތައްތައް އީރާނުން ކޮށްފައިވާކަން އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ރިޕޯޓްގައިވަނީ ކަށަވަރުކޮށްދީފައެވެ.މީގެއިތުރުން އަރަކް ނިއުކްލިޔަރ މަރުކަޒުގައި އީރާނުން ހިންގާ މަދަނީ ނިއުކްލިޔަރ ހަރަކާތްތައް މުސްތަޤްބަލްގައި ހިންގަންޖެހޭނީ ލައިޓް ވޯޓަރ ނިއުކްލިޔަރ ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށްގެން ކަމަށްވެސް އީރާނާއި ދުނިޔޭގެ ބާރުތައް ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުން ބުނެއެވެ. ނިއުކްލިޔަރ އެއްބަސްވުން ތަންފީޒު ކުރަން ފެށުމާއެކު އީރާނަށް ލިބިގެންދާ ކާމިޔާބީ ތަކުގެ ތެރޭގައި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން އެގައުމު ސަލާމަތްވުމާއި ބައިނަލްއަގްވާމީ ފިއްތުންތަކެއްނެތި އަދި އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ އެހީތެރިކަމާއެކު މަދަނީބޭނުންތަކަށް  ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ފުރްސަތު ލިބިގެން ދިޔުން ހިމެނެއެވެ. މީގެއިތުރުން އީރާނުގެ ނިއުކްލިޔަރ ޓެކްނޮލޮޖީގެ ޕްރޮގްރާމް ރޫޅާލަން ނުޖެހުމާއި އެޕްރޮގްރާމަށް ހުޅަނގުގެ އިޢްތިރާފް ލިބިގެން ދިޔުމަކީވެސް މި އެއްބަސްވުމުގެ ދަށުން އީރާނަށް ލިބިގެންދިޔަ ކާމިޔާބީތަކެކެވެ.