ޤައުމީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރައްވާ ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވާހަކަފުޅު ދައްކަވައިފިއެވެ.
އެ މަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ ނުވަތަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ)ގެ 71 ވަނަ ބައްދަލުވުމުގައި ބޭއްވި، ރާއްޖޭގެ ޙާލަތު މުރާޖައާކުރުމުގެ ބައިގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަނިލް ވިދާޅުވީ، ޤައުމީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ރައީސް ޔާމީން ވަޢުދުވެ ވަޑައިގެން، އެމަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކަމުގެ މުހިއްމުކަމުންކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ހުށަހަޅުއްވާފައިވާ ރާއްޖޭގެ ރިޕޯޓުގައި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މުއާހަދާ ތަންފީޒުކޮށްފައިވާ މިންވަރާއި، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، އަދި މި ކަމުގައި ރާއްޖެއަށް ކުރިމަތިވަމުންދާ ގޮން ޖެހުންތަކާއިބެހޭ ގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވާފައިވެއެވެ. މި ރިޕޯޓު ހުށަހަޅުއްވަމުން ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވަނީ މި ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކާއި ބެހޭ ގޮތުންވެސް މަޢުލޫމާތު ޙިއްސާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކުޑަކުދިންގެ ޙައްޤުތަކާއިބެހޭ ޤާނޫނުތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަން ދެއްވާކަން އަނިލް ފާހަގަކުރެއްވިއެވެ.
މިގޮތުން އަލަށް ތަޢާރަފު ކުރައްވާފައިވާ ޗައިލްޑް ޕްރޮޓެކްޝަން ބިލާ، ޖުވެނައިލް ޖަސްޓިސް ބިލް އަދި ޖެންޑަރ އީކުއަލިޓީ ބިލްގެ ސަބަބުން ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމާއިބެހޭ ޤާނޫނު އިތުރަށް ހަރުދަނާ ވެގެންދާކަމަށް އަނިލް ވިދާޅުވިއެވެ. އަދި، މީގެ 18 އަހަރު ކުރިން ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖެ ބައިވެރިވި ފަހުން ހޯދާފައިވާ ކާމިޔާބީ ތަކުގެ މައްޗަށް އަނިލް ބައްލަވާލައްވާފައިވެއެވެ.
ސީއާރުސީގެ މި ބައްދަލުވުން ކުރިޔަށްދަނީ ޖެނީވާގައި މިމަހުގެ 11އިން 29 އަށެވެ.