ދެދުވަހުގެ ރަސްމީ
ދަތުރުފުޅެއްގައި ސައޫދީ އަރަބިޔާއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީ ޖިންޕިން،
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ބައްދަލުކުރައްވައިފިއެވެ.
ސަލްމާން ރަސްގެފާނާ ބައްދަލުކުރެއްވުމަށްފަހު ޗައިނާގެ ރައީސް ވަނީ ސައޫދީ
ވަލީއުލްއަހްދުގެ ނައިބު މުހައްމަދު ބިން ސަލްމާންއާ ވެސް ބައްދަލުކުރައްވާފައެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން
އަބްދުލްއަޒީޒް ވަނީ ޗައިނާގެ ރައީސް ޝީޖިންޕިން އަށް މަރްޙަބާ ކިޔުމުގެ ގޮތުން
އޭނާގެ ޝަރަފުގައި ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.
މިރަސްމިއްޔާތަށްފަހު ދެބޭފުޅުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތައް
މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ދެގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާ
ކުރުމާބެހޭގޮތުންނާ ސަރަހައްދީ މައްސަލަތަކުގެ މައްޗަށް ކަމަށް ޚަބަރުލިބެއެވެ.ރަސްމީ ވާހަކަ ތަކަށްފަހު ސައޫދީ ރަސްގެފާނު ވިދާޅުވެފައިވަނީ ސަރަހައްދުގައި
ހަމަޖެހުން ގާއިމް ކުރުމަށާއި ބައިނަލްއަގްވާމީ އަމްނާއި ސުލްޙަ ދެމެހެއްޓުމާ ބެހޭގޮތުން
ޗައިނާގެ ރައީސާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޓެރަރިޒަމާ ހަނގުރާމަ
ކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖްތަމައު ގުޅިގެން މަސައްކަތް ކުރުމުގެ
ބޭނުންތެރިކަމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ސަލްމާން ރަސްގެފާނު
ވިދާޅުވިއެވެ. ރިޔާޟް ގައި ދެބޭފުޅުން ބައްދަލުކުރެއްވުމަށްފަހު ސައޫދީ މަސްޢޫލުވެރިންނާއި
ޗައިނާގެ މަސްޢޫލުވެރިން ވަނީ އިގްތިސާދާއި ވިޔަފާރިއާއި ހަކަތައާ އަދި
ޓެކްނޮލޮޖީގެ ދާއިރާތަކުގައި ދެގައުމުގެ ދެމެދުގައި 14 އެއްބަސްވުމެއްގައި
ސޮއިކުރައްވާފައެވެ. ސަޢޫދީ އާއި ޗައިނާ ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން
ފާހަގަކޮށްލެވޭ އެއް އެއްބަސްވުމަކީ ޗައިނާއިން ސައޫދީގައި ނިއުކްލިޔަރ ރިއެކްޓަރެއް
ބިނާކޮށްދިނުމުގެ އެއްބަސްވުމެކެވެ. އަނެއް އެއްބަސްވުމަކީ ޗައިނާއިން ދުނިޔޭގައި
ގާއިމްކުރާ އެކާވީސްވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓްގައި ސައޫދީ އަރަބިޔާ
ބައިވެރިވުމުގެ އެއްބަސްވުމެވެ. ސަލްމާން ރަސްގެފާނާ ބައްދަލުކުރެއްވުމަށްފަހު
ޗައިނާގެ ރައީސްވަނީ ސައޫދީ ވަލީއުލްއަހްދުގެ ނައިބު މުހައްމަދު ބިން ސަލްމާން އާ
ވަކިން ބައްދަލު ކުރައްވާފައެވެ. މީގެއިތުރުން ޗައިނާގެ ރައީސް ވަނީ ސައޫދީ
އަރަބިޔާއާއި ގަލްފުގެ ބައެއް އަރަބި ގައުމުތައް ގުޅިގެން އުފައްދާފައިވާ ގަލްފު
ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ރައީސް އަބްދުއްލަތީފް ބިން ރާޝިދް
އައްޒައްޔާނީއާ ވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމަށްފަހު
ނެރެފައިވާ ބަޔާނެއްގައި ގަލްފުގެ ސަރަހައްދުގައި ހަމަޖެހުން ގާއިމް ކުރުމަށް
ޖީސީސީ ން ކުރަމުން ގެންދާ މަސައްކަތްތަކަށް ޗައިނާއިން ތާއީދުކުރާކަން
ހާމަކޮށްފައިވެއެވެ.ޗައިނާގެ ރައީސްގެ ސައޫދީ އަށް ކުރައްވާ ދަތުރުފުޅުގެ އެއް ބޭނުމަކީ
އީރާނާއި ސައޫދީ އާ ދެމެދުގައިވާ ދެބަސްވުންތައް ނިމުމަކަށް ގެނަސް ދެގައުމު
ސުލްޙަ ކުރުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރެއްވުން ކަމަށް ރިޕޯޓްތައް
ބުނެއެވެ. ސައޫދީ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗައިނާގެ
ރައީސް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އީރާނަށެވެ. ސައޫދީ އާއި އީރާން
ސުލްޙަ ކުރުވުމުގެ ގޮތުން މެދުވެރިއެއްގެ ބައި އަދާކުރެއްވުމަށްޓަކައި
ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފްވެސް ވަނީ މިދިޔަ ހޯމަދުވަހު
ސައޫދީ އަށް ޒިޔާރަތް ކުރައްވައި ސައޫދީ ރަސްގެފާނާއި ސައޫދީ ބައެއް އިސް މަސްއޫލުވެރިންނާ
ބައްދަލުކުރައްވާފައެވެ. އަދި އެއަށްފަހު ނަވާޒް ޝަރީފް ވަނީ އީރާނަށް
ވަޑައިގެންފައެވެ.