ޚަބަރު

މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް އިންޑިއާއިން ހަދިޔާކޮށްފި


ޢަސްކަރީ މަތިންދާ ބޯޓަކާއި، ހެލިކޮޕްޓަރެއް ރާއްޖެއަށް ހަދިޔާކުރުމަށް އިންޑިއާގެ ޢަސްކަރިއްޔާއިން ނިންމައިފިއެވެ. މި 2 އުޅަނދު ރާއްޖެއަށް ދިނުމަށް އިންޑިއާއިން ނިންމާ، އެކަން ދިވެހި ސަރުކާރާ ޙިއްޞާކުރެއްވީ ރާއްޖޭގެ ދިފާޢީ ވަޒީރު އާދަމް ޝަރީފް ޢުމަރު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ދިފާޢީ ވަޒީރު މަނޯހަރު ޕައްރިކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ. އިންޑިއާގެ ދިފާޢީ ވަޒީރު މަނޯހަރު މި އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަން މި މަޝްވަރާތަކަށްފަހު ވަނީ ހާމަކުރައްވާފައެވެ. ދެބޭފުޅުންގެ ދެމެދުގައި ބޭއްވެވި މަޝްވަރާތަކުގައި އިންޑިއާގެ ދިފާޢީ ވަޒީރު މަނޯހަރު ވަނީ ދިވެހިރާއްޖޭގެ ޢަސްކަރިއްޔާއިން ބޭނުންވާ އެހީތެރިކަމެއް ވާނަމަ އެކަމެއް ހުށަހެޅުއްވުމުން އެކަންކަން ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.މިބައްދަލުކުރެއްވުމުގައި ދިފާޢީ އަދި ޢަސްކަރީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.