ކުޅިވަރު

ޓްރަޔަލްއަކަށް އަންސަރު ތައިލެންޑަށް


ތައިލެންޑްގެ ބޮޑު ދެ ކުލަބްގެ ޓްރަޔަލްއަކަށް އަންސަރު އިބްރާހީމް މިރޭ ތައިލެންޑަށް ފުރުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ވައިސް ޗެއަރމަން އަހުމަދު ޝަކީބު ވިދާޅުވެއްޖެއެވެ. ޝަކީބު ވިދާޅުވީ އަންސަރު އިބްރާހީމްއަށް ލިބުނު ފުރުސަތަކީ ސާފް ސުޒުކީކަޕަށް ތައްޔާރުވުމަށްޓަކައި ޤައުމީ ޓީމް މެލޭޝިޔާގައި ފަރިތަކުރުންތައް ކުރިއަށްގެންދިޔައިރު، ލިބުނު ފުރުސަތެއްކަމަށެވެ. އެދުވަސްވަރު އަންސަރުގެ ކުޅުން ތައިލެންޑްގެ ފުރަތަމަ ޑިވިޝަންގެ ދެ ކުލަބަކުން ދިޔައީ ބަލަމުންނެވެ. އަދި  މެލޭޝިޔާގައި ޤައުމީ ޓީމް ފަރިތަކުރުންތައް ކުރިއަށްގެންދިޔައިރު މިދެ ކުލަބަށް އަންސަރުގެ ކުޅުން ފާހަގަވެ، ޝަޢުޤުވެރިކަން ފާޅުކުރިއެވެ. ޝަކީބު ވިދާޅުވީ އެފްއޭއެމްއާ ޤައުމީ ޓީމްގެ ކޯޗް ރިކީ ހާބަޓް ކުރި މަސައްކަތުން މިއަންނަ މަހުގެ ތިނަކާހަމައަށް އަންސަރު ތައިލެންޑްގައި ފަރިތަކުރަމުންދާނެ ކަމަށެވެ. މިވަގުތު އެއީކޮން ދެކުލަބެއްކަން ހާމަކުރަން ބޭނުންނުވާކަމަށާ ނަމަވެސް މިއީ ރާއްޖޭގެ ފުޓްބޯޅަ އަދި ހާއްސަކޮށް އަންސަރަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޝަކީބު ވިދާޅުވިއެވެ.ޝަކީބް ވިދާޅުވީ އަންސަރުގެ އިތުރުން ޒުވާން އިތުރު ދެ ކުޅުންތެރިއަކުވެސް ވަރަަަށް އަވަހަށް ރާއްޖެއިން ބޭރަށް ޓްރައިލްއަކަށް ފުރުވާލުމަށް ހަމަޖެހިފައިވާކަމަށެވެ. އަންސަރުއަކީ އީގަލްސްގެ ކުޅުންތެރިއެކެވެ.