އައްޑޫ ފްލައިން ސްކޫލްގެ ޕްރެކްޓިކަލް ކްލާސްތައް ފެށުމަށް ގެނެސްފައިވާ މަތިންދާބޯޓުތަކުގެ ޓެސްޓު ދަތުރުތައް ބާއްވާފައިވާކަމަށް އައިލެންޑް އެވިއޭޝަނުން ހާމަކޮށްފިއެވެ.
މިބޯޓުތަކުގެ ޓެސްޓް ދަތުރުތައް ބާއްވާފައިވަނީ އިއްޔެކަމަށް އައިލެންޑް އެވިއޭޝަނުން ބުނެއެވެ.
އައްޑޫ ސިޓީގައި ހިންގަމުން އަންނަ މޯލްޑިވިއަން އެވިއޭޝަން އެކަޑަމީގައި ކިޔަވަމުންދާ ދަރިވަރުންގެ ފްލައިންގ ގަޑިތައް ހަމަކުރުމަށްޓަކާ ބޭނުންވާ ބޯޓުތައް މިހާރުވަނީ ހަމަކޮށްފައެވެ. އެގޮތުން ކުލާސްތައް ފެށުމަށްވަމުންދާ ތައްޔާރީތަކުގެ ތެރޭގައި އެކަޑަމީއަށް ވަނީ 6 ބޯޓެއް ހޯދާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލެންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު ޖެނިފާ ވިދާޅުވީ މިބޯޓުތައް އެސެމްބަލްކޮށް، ހޮނިހިރު ދުވަހު ފްލައިޓުތަކުގެ ޓެސްޓު ދަތުރުތައް ބާއްވާފައިވާކަމަށެވެ.
މީގެކުރިން ދަރިވަރުންގެ ޕްރެކްޓިކަލް ކްލާސް މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ފެށުމަށް ތައްޔާރުވިނަމަވެސް ލޮޖިސްޓިކްސް ބައެއް ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން ކުލާސްތައް ފަށާ މުއްދަތު ވަނީ ފަސްކޮށްފައެވެ. ކުލާސްތައް ފެށޭނެ ތާރީޚަކާއި ގުޅޭގޮތުން ޖެނިފާ ވިދާޅުވީ ސިވިލް އެވިއޭޝަނާއި ގުޅިގެން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އޯޑިޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދަރިވަރުންގެ ކުލާސްތައް ފެށޭނެ ތާރީޚެއް ތާވަލުކުރާނީ މިއޮޑިޓަށް ފަހުގައިކަމަށް ޖެނިފާ ވިދާޅުވިއެވެ.
އައިލެންޑް އެވިއޭޝަނާއި ޤައުމީ ޔުނިވަރސިޓީއާއި ޗެކް ރިޕަބްލިކްގެ ފްލައިންގ ސްކޫލަކާއި ގުޅިގެން ކުރިއަށްގެންދާ މިއެކަޑަމީގެ ކިޔެވުން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން 35 ކުދިންނާއެކު މިހާރުވަނީ ދަރިވަރުންގެ ތިއަރީބައިގެ 150 ގަޑިއިރުގެ ރިފްރެޝަރ ކޯސް ފުރިހަމަކޮށްފައެވެ. މިކުދިން ދެން ފުރިހަމަ ކުރަންޖެހެނީ 10 ގަޑިއިރުގެ ފްލައިންގ ނުވަތަ ޕްރެކްޓިކަލް ގަޑިތަކެވެ.
އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ ބޮޑުވެ 75 ވަރަކަށް ދަރިވަރުންގެ ކިޔެވުންވަނީ މެދުކެނޑިފައެވެ. މިމައްސަލަ ޙައްލުކުރުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ތަނަކަށް ފްލައިންގ ސްކޫލް ހެދުމަށް ފަހު މިހަރު އަންނަނީ މިކުދިންގެ ކިޔެވުން ކުރިއަށްގެންދެވޭނެ މަގު ފަހިކޮށްދެމުންނެވެ. މިހާރު ކިޔަވަމުންދާ ބެޗުގެ ކުދިންގެ ކިޔެވުން ނިމޭ ހިސާބުން އަލުން ނަގާ ބެޗުގައިވެސް އިސްކަންދޭނީ ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށްކަމަށް އެކަޑަމީން ވިދާޅުވެއެވެ.