ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ރާއްޖޭގައި އޮތް އެންމެބޮޑު އެއް މައްސަލައަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖް ނުކުރެވުމުގެއް މައްސަލައެވެ. މިމައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން ކުނި މެނޭޖްކުރުމުގެ ޤަވާޢިދަށް ގެނެސްފައިވާ އިސްލާޙާއެކު މިހާރު ކުނިވަކިކުރަން މިވަނީ މަޖުބޫރުކޮށްފައެވެ.
ކުނި މެނޭޖްކުރުމުގެ ޤަވާއިދަށް އަލަށް ގެނެސްފައިވާ އިސްލާޙުގައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އުފައްދާ ކުނި ބައިބަޔަށް ވަކިކޮށްގެން ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންދިޔުން ލާޒިމުކޮށްފައެވެ. މިއާއެކު ގޭބިސީތަކުން ކުނި ޕެކްކުރަންޖެހޭނީ މިބައިތަކަށް ވަކިކޮށްގެންނެވެ. 2021ވަނަ އަހަރު ގެނައި މިއިސްލާޙާއެކު މާލެ ފިޔަވައި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓުތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ކުނި ވަކިކުރުމަށް ގެނައި ބަދަލަށްވަނީ މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ޢަމަލުކުރަންފަށާފައެވެ. މިއިސްލާޙަށް މާލެ ސަރަޙައްދުގައި ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މިއިސްލާޙަށް މާލެ ސަރަޙައްދުގައި ޢަމަލުކުރަން ތައްޔާރުވަމުން އަންނައިރު މީގެ ބޮޑު ޒިންމާއެއް އޮތީ ޢާއްމުންގެ އަތްމަތީގައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ކުނި ވަކި ކޮށްފައި ހުންނަންޖެހޭ 3 ބަޔަށް ކުނި ވަކިކޮށް ރައްކާތެރިގޮތުގައި ޕެކްކުރަންޖެހެއެވެ. މިގޮތުން ބަދިގޭގައި އުފެދޭ ކުނިވާޒާތުގެ ކުންޏާއި އެހެނިހެން ކުނީގެ ގޮތުގައި ދެކޮތަޅު ޕެކްކޮށް ޕްލާސްޓިކް ފުޅިތައް ވަކިންޖެހެނީ ޕެކްކުރާށެވެ. ބައެއް ފަރާތްތަކަށް މިއީ ކުރަން ދަތިކަމެއްގެގޮތުގައި ސިފަވީނަމަވެސް ދެމެހެއްޓެނިވި ޙައްލެއް މުޅި ޤައުމަށް ގެނައުމަށް މިކަން ކުރުމަށް ފަސޭހަ ގޮތްތަކެއް ހޯދިދާނެއެވެ. އެގޮތުން ދެ ޑަސްބިނެއް ޚިޔާރުކޮށް ބަދިގޭގައި އުފެދޭ ކުނިވާޒާތުގެ ކުނި އެޅުމަށް ވަކި ޑަސްބިނެއް އަދި އެހެނިހެން ކުނި އެޅުމަށް ވަކި ޑަސްބިނެއް ގޭގެ އެހެން ސަރަޙައްދެއްގައި ބެހެއްޓިދާނެއެވެ. އަދި ކުނި ޕެކްކުރާއިރު ޕްލާސްޓިކް ފުޅިތައް އެހެން ކުނިތަކާއެކު އެއް ކޮތަޅަކަށް އެޅުމުގެ ބަދަލުގައި ފުޅިތައް ވަކިކުރަންޖެހެއެވެ.
ކުންޏަކީ އޭގެއިން ދުނިޔޭގެ އެހެންތަންތަނުގައި ނަފާ ހޯދާއެއްޗެކެވެ. ރާއްޖޭގައި ބޮލަކަށް ކުނި އުފައްދާ ނިސްބަތް އެހެން ޤައުމުތަކާއި އަޅާބަލާއިރު ބޮޑުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން ކުނި ވަކިކޮށް މީގެއިން ނަފާ ހޯދުމަށް މަގުފަހިކުރުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރައްކާތެރިގޮތުގައި ނައްތާލެވިދާނެ ކުނި ކާދުގެ ގޮތުގައި ބޭނުންކުރެވޭއިރު ޕްލާސްޓިކާއި ބައެއް ބާވަތްތަކަކީ ބޭރަށް އެކްސްޕޯޓުކުރެވޭ ބާވަތްތައްކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައްވެސް ރާއްޖޭގައި މިހާރުވަނީ ފަށާފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯ ގުޅިގެން ކޮށްފައިވާ ސަރވޭއިން ދައްކާގޮތުގައި ރާއްޖޭގައި ކުނީގެ ގޮތުގައި އުކާލާ އެންމެ ބޮޑު އިންސައްތައަކީ އޯގެނިކް ނުވަތަ ކުނިވާ ޒާތުގެ ކުންޏެވެ. އެއީ %65 ކުންޏެވެ. ޕްލާސްޓިކް ފުޅީގެ ގޮތުގައި %13 ރާއްޖޭގައި ކުނީގެ ގޮތުގައި އުފައްދައެވެ. ބިއްލޫރިއާއި މައުދަނުގެ ގޮތުގައި %6 ހިމެނޭއިރު އެހެނިހެން ކުނީގެ ގޮތުގައި %16 ކުނި ގޭބިސީތަކުން އުކާކަމަށް މިސަރވޭއިން ދައްކައެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުނި ވަކިކޮށް ޕެކްނުކޮށް ހުންނަ ނަމަ ކުނި މެނޭޖްކުރުމުގެ ގަވާއިދުގެ ދަށުން އެފަރާތެއް ޖޫރިމަނާކުރާނެއެވެ. ވެމްކޯއިން ބުނީ މިއިސްލާޙުގެ ދަށުން ކުނި ނެގުމަށް ހަމަޖެހިފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އެގޮތުން ހަމަ މިހާރުވެސް ކުނި ނަގަމުން އަންނަ ގޭބިސީތަކުން ކުނި ނަގަމުންދާނެކަމަށް އެކުންފުނިންގ ވިދާޅުވެއެވެ.