ކުޅިވަރު

ޔޫރަޕުން އެދުނަސް އިންފަންޓީނޯއާ ވާދަކޮށްލަން ވެންގާ އަށް ކެރޭނެ؟


  • އޭޝިއާ އާއި އެފްރިކާގައި ވެންގާގެ މަގުބޫލުކަން ބޮޑު

  • ފީފާގެ ރައީސް ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ނޮވެމްބަރު 18 އަށް

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ބަލިކުރައްވަން ކުރިއަށް އޮތް އިންތިހާބަށް ނެރޭނެ ކެނޑިޑޭޓަކީ ތަޖުރިބާކާރު ކޯޗު އަދި ފީފާ ގްލޯބަލް ޑިވެލޮޕްމަންޓްގެ އިސްވެރިޔާ އާސެން ވެންގާ ކަމުގައި ހެދުމަށް ޔޫރަޕުން އެދެން ފަށައިފިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ޖަމިއްޔާގެ ރައީސަކު ހޮވަން އިންތިހާބު ބާއްވާނީ އަންނަ މާޗު މަހުއެވެ. ޔޫރަޕާއި ކޮންކާކަފް އަދި އޭޝިޔާގެ ގިނަ ގައުމުތަކުން މިހާރު ކެނޑިނޭޅި މަސައްކަކުރަމުން އެދަނީ އިންފަންޓީނޯ ބަލިކުރުމަށެވެ. މި ގޮތުން ޔޫރަޕުން ފުރަތަމަ މަސައްކަތް ކުރީ އޭޝިއާއިން ކެނޑިޑޭޓަކު ނެރުމަށެވެ. ބުނަމުންދިޔައީ ވެސް ޔޫރަޕުން ކެނޑިޑޭޓަކު ނުނެރޭނެ ކަމަށެވެ. މިކަމުގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތަކެއްވި އެވެ. ނަމަވެސް މި ގޮތުން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ވެންގާ އަކީ އިންފަންޓީނޯއާ ވާދަކުރަން އެންމެ ރަނގަޅު މީހާ ކަމުގައި މިވީ ކީއްވެ ހެއްޔެވެ؟

ޔޫރަޕާއި ކޮންކާކަޕް އަދި އޭޝިޔާގެ ގިނަ ގައުމުތަކަށް ވިސްނޭ ގޮތުގައި އޭޝިޔާގައި ވެންގާގެ މަގުބޫލުކަން ބޮޑެވެ. ހާއްސަކޮށް ޖަޕާން ކަހަލަ ގައުމުތަކުގައި އޭނާ މަސައްކަތް ކުރައްވާފައިވާތީއެވެ. މިއީ އޭޝިޔާގެ ވޯޓު ހިފަހައްޓަން ޕްލަސް ޕޮއިންޓެއް ކަމަށް ޔޫރަޕުން ދެކެއެވެ. ކޮންކާކަފާއި ޔޫރަޕުން ތިބީ އެކަތިގަނޑެއްގެ ގޮތުގައެވެ.

ވެންގާ އަކީ 22 އަހަރު އާސެނަލް އަށް ކޯޗުކޮށްދީ އެ ކުލަބުގެ އެންމެ ކާމިޔާބު ކޯޗެވެ. އަގުހެޔޮކޮށް ކުޅުންތެރިން ގެނެސް އެ މީހުން ތަރިންނަށް ހެދ އާރުކާޓީއެވެ. މި މަސައްކަތުގައި އެފްރިކާ އާއި އެ ބައްރަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއްގެ އިހްތިރާމް އޭނާ އަށް އެބައޮތެވެ. ފީފާގެ ރައީސް ކަމުގެ ހަތަރު ވަނަ ދައުރެއް ކަށަވަރު ކުރުމަށް އިންފަންޓީނޯ އަށް ލިބޭ އެންމެ ބޮޑު ބާރަކީ އެފްރިކާގެ ގައުމުތައް އޭނާއާއެކު ކަމަރު ބަނދެގެން ތިބުމެވެ. މި ގުޅުން ރޫޅާލަން އެފްރިކާގެ ތަރިންގެ ބޭނުން އެންމެ ބޮޑަށް ހިފޭނެ މީހަކީ ޔޫރަޕުން ދެކޭ ގޮތުގައި 76 އަހަރުގެ ކުރީގެ ކޯޗު ވެންގާއެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން މީޑިއާއިން ކުރި އެއްވެސް ސުވާލަކަށް ވެންގާ އަދި ޖަވާބެއް ނުދެއެވެ. އަދިވެސް އެ ހުންނެވީ އިންފަންޓީނޯގެ އަރިހުގައެވެ. ބުރާސްފަތި ދުވަހު އޮތް ފީފާ ކައުންސިލް ބައްދަލުވުމަށްފަހު ބޭއްވި ފީފާގެ އިސްވެރިންގެ ބައްދަލުވުންތަކުގައި އިންފަންޓީނޯ އަރިހުގައި ޕްރެޒެންޓޭޝަންތައް ހުށަހަޅުއްވަން ހުންނެވީ ވެސް ވެންގާއެވެ.

އިންފަންޓީނޯގެ އިތުބާރު ގެއްލުނީ ވޯލްޑް ކަޕަށް އަމިއްލަ އަމިއްލަ އަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އޭގެ ހިއްސާ އެމެރިކާގެ ވިޔަފާރިވެރިންނަށް ވިއްކާލަން އެއްބަސްވާނަމއ ބަދަލުގައި ގައުމުތަކަށް ފައިސާ ހުށަހެޅުއްވުމުންނެވެ. މި މައްސަލަ ގޯހުން ގޯހަށް ދިއުމުން ވެންގާ އަކީ ބަޔާން ނެރުނު މީހެކެވެ. ވިޔަފާރި ޕްލޭނަކީ އޭނާއާ ވެސް ހިއްސާނުކޮށް އިންފަންޓީނޯ އަމިއްލަ އަށް ނިންމެވި ނިންމެވުމެއް ކަމަށާއި އެ ޕްލޭނުގެ މައުލޫމާތު ލިބުނީ މީޑިއާއިން ކަމަށް ވެންގާގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މި ބަޔާނާހެދި އޭނާ އާއި އިންފަންޓީނޯގެ ގުޅުމަށް ބުރުލެއް ނާރައެވެ. މިހެންވެ މިއީ މަޝްވަރާ ކުރެވިގެން، ރޭވިގެން ނެރުނު ބަޔާނެއް ކަމަށް ގަބޫލު ކުރުމަށް ފުރުސަތު އެބައޮތެވެ. އެހެންނޫނަމަ އިންފަންޓީނޯގެ އެންމެ އަރިހުގައި މުހިންމު ބައްދަލުވުންތަކުގައި ވެންގާ އަށް ޖާގަ ލިބުން ފަސޭހަ ނުވާނެއެވެ.

ވެންގާއާ ގާތް ގުޅުން އޮންނަ ފަރާތްތަކުން ބުނަނީ އޭނާ އަކީ ވަރަށް ގޮތުގައި ހުންނަ އަމިއްލަ ވަންތަ މީހެއް ކަމަށެވެ. އަނެއްކޮޅުން ފީފާގެ ގިނަ އޮފިޝަލުން ތިބީ ވެންގާ ރައީސް ކަމަށް ވާދަ ކުރައްވާނަމަ އެކަމާ އުފާކުރަން ތައްޔާރަށް ކަމަށް ވެސް ބައެއް މީޑިޔާތަކުން ބުނެ އެވެ. އެކަމަކު ޔޫރަޕުގެ ތެރެއިން މަދު ބަޔަކު ވެންގާގެ ބަލި ފައިތަކުގެ ވާހަކަ ވެސް އެބަ ދައްކައެވެ. އުމުރުގެ ބޮޑުބައި ކޯޗެއްގެ ގޮތުގައި ހޭދަކޮށްފައިވުމުން އިދާރީ ހިންގުންތެރިކަމާއި ދޭދޭ ގައުމުތަކާ މަޝްވަރާކޮށް ފުޓްބޯޅަ ޕޮލިޓިކްސް ރާވަން އޭނާ ކޮށިވާނެ ކަމަށް ދެކޭ މީހުން ދަނީ ގިނަވަމުންނެވެ. އެފަދަ މީހުން މިހާރު ވެސް ދަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ވެންގާގެ ގާބިލް ކަމާމެދު ސުވާލު އުފައްދަމުންނެވެ.

އެކަމަކު މިވަގުތަށް އޮތް އެންމެ ބޮޑު ސުވާލަކީ ފީފާ އަށް އޭނާ ގެނެސް އިސް މަގާމެއް ދެއްވި އޭނާގެ ސާހިބު މީހާއާ ދެކޮޅަށް ތެދުވެވަޑައިގަންނަވަން ވެންގާ އަށް ކެރިދާނެތޯއެވެ. ދުނިޔޭގެ ހަ ބައްރުގެ ތެރެއިން ތިން ބައްރުން އެދުނަސް އެފަދަ ހިތްވަރެއް އޭނާ އަށް ނެރެވިދާނެތޯއެވެ؟ ފީފާގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ ނޮވެމްބަރު 18 އެވެ.