ކުޅިވަރު

ކެރަމްގެ އަންހެން ޑަބަލްސް ފައިނަލުގައި ޒުވާން ދެ ޕެެއަރ


ސައްބީސް ވަނަ ޤައުމީ ކެރަމް މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ވާދަކުރާ ޕެއަރތައް ކަށަވަރުވެއްޖެއެވެ. ރޭ މި މުބާރާތުގައި ކުޅުނު އަންހެން ޑަބަލްސް ސެމީ ފައިނަލް މެޗުތަކަށްފަހު ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އާމިނަތު ވިދާދު އަދި އައިޝަތު ޒުލްފިޝާންގެ ޕެއަރއެވެ. ވިދާދު އަދި ޒުލްފިޝާން ފައިނަލުން ޖާގަ ހޯދީ އާމިނަތު ހިލްމާ އަދި އަފީފުއްނިސާގެ ޕެއަރ ބަލިކޮށްގެންނެވެ. ސެމީ ފައިނަލް 2 ވަނަ މެޗުގައި އައިޝަތު ފައިނާޒް އަދި އާމިނަތު ވިޝާމާ ބަލިކޮށް ފައިނަލުން ޖާގަ ހޯދީ ފާތިމަތު ރަޔާން އަދި އާމިނަތު ޝުބާ އާދަމްގެ ޕެއަރއެވެ. އަންހެން ޑަބަލްސް ސެމީ ފައިނަލްގެ އިތުރުން ރޭވަނީ ފިރިހެން ޑަބަލްސް ކުއާޓަރ ފައިނަލް މެޗުތައްވެސް ކުޅެފައެވެ. ކުއާޓާރ ފައިނަލް މެޗުތަކަށްފަހު ސެމީ ފައިނަލް ފުރަތަމަ މެޗުގައި އަލީ އާޒިމްއާއި ޔަމާން އަބްދުލް ޖަލީލްގެ ޕެއަރއާއި ދެކޮޅަށް ނިކުންނާނީ އިބްރާހިމް ލިފާއު އާމިރު އަދި އަޙްމަދު ޖަލާލް އަލީގެ ޕެއަރއެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި ޙުސައިން ފާރިހްއާއި ސަދޫހް ސާމިއުގެ ޕެއާ ނިކުންނާނީ ޙުސައިން ނީޝަމް އަދި ހަސަން ނާޒިމްގެ ޕެއަރ އާއި ދެކޮޅަށެވެ. މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން ސިންގަލްސް މެޗުތަކެވެ. ޖުމްލަ 66 ކުޅުންތެރިން ވާދަކުރާ 26ވަނަ އަހަރުގެ ޤައުމީ ކެރަމް މުބާރާތުގެ ކުޅުން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.