ދުނިޔެ

ސީރިޔާގެ އިރުމަތީގެ ސަރަޙައްދަކަށް ރަޝިޔާއިން ހަމަލާދީފި


ސޫރިޔާގެ އިރުމަތީގެ ސަރަޙައްދަކަށް ރަޝިޔާގެ ޢަސްކަރިއްޔާއިން ދިން ވައިގެ ޙަމަލާތަކެއްގައި 47 މީހުން މަރުވެއްޖެކަމަށް ސޫރިޔާގެ ހަނގުރާމަ ގާތުން ބަލަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ހާމަކޮށްފިއެވެ. އެޖަމާޢަތުން ބުނެފައިވަނީ މި ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި 9 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ. މި ޙަމަލާއަކީ ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކަށް އަމާޒުކޮށްފައިވާ ހަމަލާތަކުގެ ތެރެއިން ޙަމަލާއެއް ކަމަށްވެސް ސީރިއަން އޮބްޒަވޭޓަރީން ވަނީ ބުނެފައެވެ. އެސަރަޙައްދަށް ދެމުންދާ ޙަމަލާތަކުގައި ޢާއްމުންގެ ގިނަ ބަޔަކު މަރުވަމުންދާ ކަމަށް ސީރިއަން އޮބްޒަވޭޓަރީން ވަނީ ބުނެފައެވެ. ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިންނަށް އަމާޒުކޮށް ރަޝިޔާއިން ދެމުންދާ އަސްކަރީ ޙަމަލާތަކުގައި ޢާއްމުންގެ ގިނަ ބަޔަކު މަރުވަމުންދާކަމަށް ސޫރިޔާގެ އެކްޓިވިސްޓް ޖަމާޢަތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.