ޚަބަރު

އޭދަފުށީ އެމް.އޭ.އެމް ބަހިއްޔާ ޕްރީ ސްކޫލް ކުދިންވެއްދުމަށް މިމަސްތެރޭގައި ހުޅުވާލަނީ


އޭދަފުށީގައި ހުންނަ ބަހިއްޔާ ޕްރީ ސްކޫލަށް ކުދިންވެއްދުމަށް މިމަސްތެރޭގައި ހުޅުވާލާނެ ކަމަށް ޕްރީ ސްކޫލް ހިންގާ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އެމް.އޭ.އެމް އިން ބުނެފިއެވެ. މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއިން މިހާރުދަނީ މިސްކޫލްގައި ބްރިޖް ޓު ކިންޑަގާޓްންގެ އެއްމަސްދުވަހުގެ ޕްރޮގްރާމެއް ހިންގަމުންނެވެ. މިކްލާސްތަކަކީ އުމުރުން ދެއަހަރާ ހަތަރު އަހަރު ކުދިންނަށް ޚާއްސަކޮށްގެން ހިންގަމުން އަންނަ ކްލާސްތަކެކެވެ.

މެރިޓައިމް އެކަޑަމީން ބުނީ މިޕްރީސްކޫލް ރަސްމީކޮށް ހުޅުވާނީ މި ފެށޭ ދިރާސީ އަހަރުގެ ކިޔެވުމާ އެކީގައި ކަމަށެވެ. މި ސްކޫލަށް ކުދިންވެއްދުމަށް މި މަސްތެރޭގައި ހުޅުވާލާނެކަމަށް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އާމިލާ އަދާމް ވިދާޅުވިއެވެ. މެރިޓައިމް އެކަޑަމީން ހިންގާ މިސްކޫލަށް ވެއްދުމަށް ރަޖިސްޓްރޭޝަން ފީގެ ގޮތުން 500 ރުފިޔާދައްކަން ޖެހެއެވެ. އަދި މަހުފީގެ ގޮތުގައި ނަގާނީ 500 ރުފިޔާކަމަށް މެރިޓައިމް އެކަޑަމީން މަޢުލޫމާތުދެއެވެ.

މެރިޓައިމް އެކަޑަމީން ބަހިއްޔާ ޕްރީ ސްކޫލުގައި ނާސަރީއާއި ބޭބީ ނާސަރީގެ އިތުރުން ތައުލީމީ އަދި ތަފާތު އެކި ހުނަރުތައް ދަސްކޮށްދޭ ކޯސްތަކާއި ޕްރޮގްރާމްތައް ހިންގާނެ ކަމަށް އެ އެކަޑަމީން މައުލޫމާތުދެއެވެ. މެރިޓައިމް އެކަޑަމީން ހިންގާ މިޕްރީ ސްކޫލްގައި ކިޔަވައިދެނީ ޕްރީ ސްކޫލް ޓީޗިން އިން މާސްޓަރސް އާއި ޑިގްރީ ހަދާފައި ތިބި ޓީޗަރުންނެވެ.

މެރިޓައިމް އެކަޑަމީން ބުނީ އޭދަފުށީ ރައްޔިތުން ބޭނުންވާ ގޮތަށް ޕްރީސްކޫލް ހިންގޭނެ ކަމަށާއި، އެކަމަށް ރައްޔިތުން، ވަކިން ޚާއްސަކޮށް ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވާނެކަމަށެވެ. ނާސަރީއާއި ބޭބީ ނާސަރީއަށް ކިޔަވައިދޭ އެސްކޫލް ނުހުޅުވި ގިނަ ދުވަސްތަކެއްފަހުން އެތަން ހިންގުމަށް ފަސް އަހަރަށް މެރިޓައިމް އެކަޑަމީއާ ހަވާލުކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ.

2018 ވަނަ އަހަރުން ފެށިގެން އެސްކޫލް ހިންގަމުން އައީ އެމްއައި ކޮލެޖުންނެވެ. އެކޮލެޖުން ކިޔަވައިދިނުން ހުއްޓާލީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދު ކުރި ހިސާބުންނެވެ. އޭގެ ކުރިން ކިޔަވައި ދިނުމުގެ ކަންކަން ކުރަމުން އައީ އޭދަފުށީ ކައުންސިލްގެ ބެލުމުގެދަށުންނެވެ. އެސްކޫލް ނުހުޅުވާ ގިނަ ދުވަސްތަކެއް ވުމުން އެރަށު ޒުވާނުންވަނީ ކައުންސިލް ޖަވާބުދާރީ ކުރުވުމަށް މުޒާހާރާ ތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.