ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިނގާދިޔައެވެ. (22 އޮގަސްޓު) އެގޮތުން ފަލާޙު ޕްރީސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި، ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެ ސްކޫލްގެ ވެބްސައިޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
(26 އޮގަސްޓު) ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަންޗެޓް"ގެ އިތުރު އެޕިސޯޑެއް ގެނެސްދީފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. މި ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ދުވަސްވަރު ޤައުމުގައި ހިނގަމުންދާ ކަންކަމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
-ތިލަމާލެ ބުރިޖުގެ ކޮލީޓީ ކަށަވަރުކުރަން ޚާއްޞަ އިސްކމެއްދޭނެ ކަމަށް ވިދާޅުވި
-އަމާޒަކީ އިންޖިނިއަރިން ދާއިރާގައި ދިވެހިން އިތުރުކުރުންކަމަށް ވިދާޅުވި
-ސިޔާސީގޮތުން ރައްދުދިނުމުގެ ބަދަލުގައި މަސައްކަތްކުރަނީ ވަޢުދުތައް ފުއްދަންކަމަށް ވިދާޅުވި
-ޑޮލަރުގެ ސިޔާސަތަށް ބަދަލު ގެންނަނީ ދިރާސާކުރުމަށްފަހު، ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވުން
(27 އޮގަސްޓު) "ރައްޔިތުންގެ އަޑު"އަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. "ރައްޔިތުންގެ އަޑު"ގެ ތިންވަނަ އެޕިސޯޑުގައި ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅޭގޮތުންނެވެ. ބޯހިޔާވަހިކަމުގެ އިތުރުން އެހެން ބައެއް ދާއިރާތަކުންވެސް ކުރިމަތިވާ ދަތިތައް އެފަރާތްތަކުން ވަނީ ރައީސާއި ހިއްސާކޮށްފައެވެ.
(27 އޮގަސްޓު) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް ޢައްޔަންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޝުޢައިބު ޔޫސުފް މަޤާމަށް ޢައްޔަންކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
(23 އޮގަސްޓު) ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި ބިލަކީ ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރުމާއި، މަރުކަޒުތަކުގައި ހުންނަންވީ މިންގަނޑުތަކާއި، ރައްކައުތެރިކަމާއެކު ކުނި ނައްތައިލުމާ ގުޅޭ އުސޫލުތަކުގެ ތަފްސީލް ހިމެނޭ ބިލެކެވެ.
(23 އޮގަސްޓު) ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށްޓަކައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވާފައިވަނީ އާދީއްތަ ދުވަހުއެވެ. މި ބިލު ފާސްކޮށްފައިވަނީ 2026 އޮގަސްޓް 17 ވީ ހޯމަ ދުވަހުއެވެ. މި ބިލުގެ މަޤްޞަދަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމެވެ. ސަރުކާރުގެ ފަރާތުން ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
(27 އޮގަސްޓު) މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ވިލުންތެރި ކަނބަލުން ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓފްިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މި ޕްރޮގްރާމް 264 ކަނބަލަކު ބައިވެރިވިއެވެ.
ނިމުނު ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.
(23 އޮގަސްޓު) މަޖިލީހުގެ މަސައްކަތްތަކަށް ބަލާލާއިރު، ބޭރު ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް %10 އިތުރުކުރަން ފާސްކޮށްފައިވެއެވެ. އަދި ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރާ ބިލުވެސް ވަނީ އާދިއްތަ ދުވަހު ފާސްކޮށްފައެވެ.
26 އޮގަސްޓު ވަނަ ދުވަހުގެ މަސައްކަތްތައް:
-ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ގުޅޭ ބިލު މަޖިލީހަށް ހުށަހެޅުން
-ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާގުޅޭ ބިލު މަޖިލީހުން ފާސްކުރުން
-އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒަށް ރުހުން ދިނުން
-ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުން
-އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ފާސްކުރުން
-ޓެކުހާގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކުރުން
-އެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން ހަމީދު އައްޔަން ކުރަން ފާސްކުރުން
-މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކުރުން
-އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އައްޔަންކުރުން
-ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލުން ބިން ނެގޭގޮތަށް ޤާނޫނު އިސްލާހުކުރުން
-އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު ފާސްކުރުން
(22 އޮގަސްޓު) ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ-ވިލިމާލެ އެއްގަމު މަގުން ގުޅާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ތިލަމާލޭ ބުރިޖަކީ، މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ. ތިލަމާލެ ބުރިޖުގެ މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު މިހާރު ގުޅާލާފައިވާއިރު، ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ވަނީ ފުރިހަމަވެފައެވެ. ދެން ކުރިއަށްދާނީ، ފިނިޝިންގގެ މަސައްކަތްތައް ކަމަށް އެފްކޮންސްއިން ވިދާޅުވެއެވެ. މީގެ ތެރޭގައި މަގުގެ ތާރު އެޅުމާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، މަގު ބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
(21 އޮގަސްޓު) މީހުން ދިރިނޫޅޭ ރަށްރަށުގައި ފޯރުކޮށްދޭ އެކޮމޮޑޭޝަނާއި ކަނޑު އުޅަނދުފަހަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ އުޅަނދުން ފޯރުކޮށްދޭ އެކޮމޮޑޭޝަން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މުވައްޒަފުގެ އުޖޫރައިގެ ބައެއްގެ ގޮތުގައި ހިމަނަން ނުޖެހޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ޤަވައިދަށް އިސްލާހު ވަނީ ގެނެސްފައެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ވިދާޅުވީ، މި އިސްލާހާއެކު އެކްރޫއަލް ބޭސިސްއަށް ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓަރުގެ ރިޕޯޓް ހުށައެޅުމަށް ބަލަންޖެހޭ ކަންތައްތަކަށް މުހިންމު ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ވިޔަފާރީގެ ނޮން-ކަރަންޓް އެސެޓްތައް ގަތް އަގު 30 މިލިޔަން ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ އާމްދަނީގެ މިންވަރަށް ބެލުމެއްނެތި އެކްރޫއަލް ބޭސިސްއަށް ހިސާބު ތައްޔާރުކޮށް އޮޑިޓަރުގެ ރިޕޯޓް ހުށައަޅަންޖެހޭނެކަމަށެވެ.
(23 އޮގަސްޓު) ބޭރު ފައިސާގެ ގާނޫނުގެ ދަށުން އެއްވެސްގޮތަކަށް ބޭރުފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން އާންމުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެމްއެމްއޭއިން ވިދާޅުވީ ޤާނޫނުގެ ދަށުން އެއްވެސް ގޮތަކަށް ޑޮލަރު މާރު ނުކުރާ ދެ ރިސޯޓެއް އެބައޮތްކަމަށާއި، އެއީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސްކަމަށެވެ. މަރުކަޒީ ބޭންކު އެމްއެމްއޭއިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތައް، އެއްވެސްގޮތަކަށް ބޭރުފައިސާ މާރުނުކުރުމުގެ ސަބަބުން ބައެއް ރިސޯޓުތަކުގެ ނަންތައް ވަނީ އާންމުކޮށްފައެވެ.
(24 އޮގަސްޓު) އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި އެ އަތޮޅެއްގެ އެހެން ރަށެއްގެ މުވައްޒަފެއް ވަޒީފާއަށް ނެގޭ ގޮތަށް ހަދާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ސިވިލްސަރވިސް ކޮމިޝަނުން ވަނީ، އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި ވަޒީފާތަކަށް މީހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލާފައެވެ. މި އުޞޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ފުރުޞަތު ހުޅުވާލެވޭ މަޤާމަކީ، މުވައްޒަފަކު ނަގަން ބޭނުންވާ ރަށު ކައުންސިލުގެ އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ އަދި ވަޒީފާ ހަމަޖައްސާ ފަރާތަށް ހިނގާނެ ޚަރަދަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަޤާމަކަށް ވާންޖެހެއެވެ. އަދި މުވައްޒަފުން ހޯދުމަށް ފުރުޞަތު ހުޅުވާލާނީ، އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށްކަމަށް އުޞޫލުގައި ކަނޑައަޅާފައިވެއެވެ.
(24 އޮގަސްޓު) ވިހެއުމަށް ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރަން ސިވިލް ސާވިސް ކޮމިޝަނުން އުސޫލަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ވަނީ، ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. މިއުޞޫލުގެ 3 ވަނަ މާއްދާއަށް 6 އިސްލާހެއް ގެނެސްފައިވެއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ގެނައި އިސްލާހުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ، މުސާރައިގެ ކުރިއެރުން ދިނުމުގައި ޖެހިޖެހިގެން ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލްއިން 85 މާކްސް ހޯދުމުގެ ބަދަލުގައި، މެދުކެނޑުމަކަށްފަހު ވެސް ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް އިން 85 މާކްސް ހޯދޭނެ ގޮތަށް ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ވިހެއުމުގެ އިތުރުން ބޭސްފަރުވާކުރުން ފަދަ ދިގު މުއްދަތުގެ ޗުއްޓީއަކަށް ދާ މީހުންނަށް ވެސް އަމަލުކުރާނީ, މި އުސޫލުގެ ދަށުންނެވެ.
(25 އޮގަސްޓު) ބިދޭސީންނަށް ދޭންޖެހޭ މުސާރާ މަރުކަޒީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. މިބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި 3 ވަނަ އިސްލާހުގައެވެ. މި އިސްލާހުގައި ވަނީ އެ ޤަވާއިދުގެ 58 ވަނަ މާއްދާގެ "ނ"ގެ ފަހަތަށް "ރ" ހިމަނައި ބައެއް އިތުރުކޮށްފައެވެ. ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބެންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށްކަމަށެވެ.
(24 އޮގަސްޓު) ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އިބްރާޙިމް ޝިއުރީ އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. (26 އޮގަސްޓު) އަދި އެ މަޤާމަށް ޢަބްދުﷲ ޔާސިރު އައްޔަންކުރައްވާފައިވަނީ ބުދަ ދުވަހުއެވެ. ޔާސިރަކީ ފަތުރުވެރިކަމާއި، ހޮސްޕިޓާލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް، އިންވެސްޓްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ދާއިރާއިން 25 އަށްވުރެ ގިނަ އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގެ އިތުރުން ލަގްޒަރީ ހޮސްޕިޓާލިޓީ ބޯޑުތަކުގައާއި އަމިއްލަ ވިޔަފާރިތަކުގެ ލީޑަޝިޕްގައިވެސް މަސައްކަތް ކުރައްވާފައެވެ.
(24 އޮގަސްޓު) ޑރ.ޙަސަން ޙަމީދު ލިޔުއްވާފައިވާ އިނގިރޭސި-ދިވެހި ބަސްފޮތް، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ނެރެދެއްވީ ނިމުނު ހަފުތާގެތެރޭގައެވެ. މި ފޮތަކީ، އިނގިރޭސި ބަސްތައް އޭގެމާނައާއެކު ދިވެހި ބަހަށް ތަރުޖަމާކޮށް ލިޔުއްވާފައިވާ 120،000 ބަހުގެ ތަރުޖަމާއެކެވެ. މި ފޮތުގައި 1992 ސަފުޙާ އެކުލެވިގެންވެއެވެ. އެގޮތުން އިނގިރޭސި ބަހާއި، އޭގެ ދިވެހި މާނަކުރުމާއި ބަސް ބޭނުންކުރެވޭނެ ޙާލަތްތަކުގައި ބަސް ބޭނުންކުރާނެ ގޮތާއި މިސާލުވެސް ވަނީ ހިމަނާފައެވެ. ފޮތް ނެރުއްވައިދެއްވާ ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވީ، މި ފޮތަކީ ދިވެހި ބަހަށާއި ޢިލްމީ ރޮނގުން ކޮށްދެއްވި ވަރަށް އަގުހުރި، ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. ރައީސް މައުމޫނު ވަނީ، މި ދާއިރާއިން ޑރ.ޙަސަން ޙަމީދު ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ
(21 އޮގަސްޓު) ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
(24 އޮގަސްޓު) މއ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ އެރޭ ފަތިހު 5:27 ހާއިރުކަމަށެވެ. މި ހާދިސާގައި އަނިޔާވި 4 ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުންނެވެ. އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
(27 އޮގަސްޓު) ގޭސް ލީކުވުމުގެ ހާދިސާއެއްގައި 51 އަހަރުގެ އަންހެނަކު ނިޔާވެފައިވަނީ މިދިޔަ ބުރާސްފަތު ދުވަހުއެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.
(25 އޮގަސްޓު) ޝަރުއީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވީ ޚަބަރު ލިބުނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. އަދި ރައީސްގެ މެސެޖްގައި ވަނީ މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަލީ ޝަފީޤް ލަހެއްޓެވުމަށް ދުޢާ ދަންނަވާފައެވެ.
(27 އޮގަސްޓު) ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި ޢަބްދުއްލަޠީފް ޙަސަން އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވ.ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށާއި ފެލިދެއަތޮޅުގެ ރައްޔިތުންނަށް ތަޢުޒިޔާ ދާޅުވެފައެވެ.