 
										
			މިކްސްޑް ރެސިޑެންޝަލް އިމާރާތެއްގެގޮތުގައި ތަރައްޤީކުރާ "އެސް.ޖޭ ކްރީކް ރެސިޑެންސް"ގެ ބިންގާ އަޅައިފިއެވެ. 
އެސް.ޖޭ ކްރީކް ރެސިޑެންސްއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ލަގްޒަރީ އެޕާޓްމަންޓްތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ 14 ބުރީގެ މި އިމާރާތް ތަރައްޤީކުރަނީ ހުޅުމާލޭ ކުރެދިމާ ހިނގުމުގައެވެ. މި އިމާރާތް ހުންނާނީ ދެވަނަ ފިޔަވައްސަށްވާގޮތަށް ހުންނަ މަގުގައެވެ. 
"އެސް.ޖޭ ކްރީކް ރެސިޑެންސް"ގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފާއި އެކޯރޕަރޭޝަންގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާޠިރު ޢަބްދުލްރަޙްމާނެވެ. 
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެސް.ޖޭ ކޮންސްޓްރަކްޝަނާއެކު އެޗް.ޑީ.ސީން ސޮއިކޮށްފައިވަނީ 27 މެއި 2021 ގައެވެ. މިކްސްޑް ރެސިޑެންޝަލެއްގެގޮތުގައި ތަރައްޤީކުރާ އިމާރާތް އެޅުމަށް 29،969.06 އަކަފޫޓުގެ ބިމެއް އެޗް.ޑީ.ސީން ވަނީ ދޫކޮށްފައެވެ. 
		
SJ Construction PVT. LTD. held a groundbreaking event in Hulhumalé to celebrate the commencement of construction on the SJ Creek Residences.
— HDC (@hdcmaldives) June 12, 2022
As the chief guests, our DMD and COO were grateful to be there. pic.twitter.com/oLRoh6Dpf4
 
										 
										 
										 
										
			"އެސް.ޖޭ ކްރީކް ރެސިޑެންސް"ގެ ގޮތުގައި ތަރައްޤީކުރާ މި އިމާރާތުގައި ޖުމްލަ 105 ޔުނިޓް ހިމެނޭނެއެވެ. މީގެ ތެރޭގައި 2 ކޮޓަރިން ފެށިގެންގޮސް 4 ކޮޓަރީ ހިމެނޭހެން އެކި ސައިޒުގެ ޔުނިޓްތައް ހިމެނެއެވެ. އެގޮތުން އެންމެ ކުދި ޔުނިޓްތަކުގައިވެސް 1064 އަކަފޫޓު ހުންނާނެކަމަށް އެސް.ޖޭ ކޮންސްޓްރަކްޝަނުން ބުނެއެވެ. 
 
މި ޔުނިޓްތައް އާއްމުންނަށް ދޫކުރާނީ ފިނިޝިންގގެ މަސައްކަތްތައް ފުރިހަމަކޮށް، ސެމީ-ފަރނިޝްޑް އެޕާޓްމަންޓްތަކެއްގެ ގޮތުގައެވެ. އެގޮތުން އެޕާޓްމަންޓްތަކުގައި މުށިޖަހާ، ލައިޓް ހަރުކޮށް، ބަދިގެ ސެޓް ހަރުކޮށް، ފާޚާނާއަށް ބޭނުންވާ ފިކްސްޗަރސް ހަރުކުރެވިފައި ހުންނާނެއެވެ. އަދި އެޑް-އޮންގެ ގޮތުގައި އިތުރު ވަޞީލަތްތައް އެޕާޓްމަންޓުގައި ޤާއިމުކުރަން ބޭނުންވާ ފަރާތްތަކަށް އެކަންކަން ފޯރުކޮށްދޭގޮތަށް އެސް.ޖޭ ކޮންސްޓްރަކްޝަނުން ވަނީ ނިންމާފައެވެ. 
އިމާރާތުގައި ސްވިމިން ޕޫލާއެކު ކުދިން ކުޅުމަށް ޚާއްސަ ބައެއް ހުރުމުގެ އިތުރުން ޕާކު ކުރުމުގެ ޚިދުމަތާއި، ވިޔަފާރީގެ ޚިދުމަތްވެސް ލިބެންހުންނާނެއެވެ. މިތަނުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެސް.ޖޭ ކޮންސްޓްރަކްޝަނުން ވަނީ ބުނެފައެވެ.