ހިންދީ ސިނަމާގައި މިހާރު އެންމެ ނަން ހިނގާ އެއް އެކްޓަރަކީ ޕަންކަޖް ތްރިޕަތީއެވެ.
ޕަންކަޖްގެ އެކްޓިން ދާއިރާގައި މިހާރު ހުރި ހިސާބަށް އަންނަން ވަރަށް ގިނަ ދުވަސް ނެގި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެކްޓިންގް ދާއިރާއިން ނުފެނުނަމަ އޭނާ ވާނީ ދަނޑުވެރިއަކަށް ނުވަތަ ސިޔާސީ މީހަކަށް ކަމަށް ދާދިފަހުން ޕަންކަޖް ވަނީ ބުނެފައެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ޕަންކަޖް ބުނީ އޭނާގެ ބައްޕަ އަކީވެސް ދަނޑުވެރިއެއް ކަމަށާއި އަދި އެއީ އޭނާގެ ކާބަފައިންގެ މަސައްކަތް ކަމަށެވެ.
45 އަހަރުގެ ޕަންކަޖް ބޮލީވުޑަށް ތަޢާރަފްވީ 2004 ވަނަ އަހަރު ދެއްކި "ރަން" އިންނެވެ. އަދި ހަމަ އެ އަހަރު ދެއްކި "އޯމްކާރާ" އިންވެސް ޕަންކަޖް ފެނުނެވެ. މި ދެ ފިލްމުގައިވެސް ޕަންކަޖް ފެނިފައިވަނީ ކުޑަ ރޯލަކުންނެވެ.
ހިންދީ ސިނަމާގައި ޕަންކަޖްގެ ރަން ދުވަސްތައް ފެށުނީ 2012 ވަނަ އަހަރު ދެއްކި "ގޭންގްސް އޮފް ވަސައިޕޫރު" ގައި އޭނާދެއްކި މޮޅު ނުބައިބައި ރޯލުންނެވެ. އޭގެފަހުން 2013 ވަނަ އަހަރު ދެއްކި "ފުކުރޭ"، 2015 ވަނަ އަހަރު ދެއްކި "މަސާން" ހަމަ އެ އަހަރު ދެއްކި "ނިލް ބަޓޭ ސަންނާޓާ" 2017 ވަނަ އަހަރު ދެއްކި "ބަރޭލީ ކީ ބަރުފީ" ހަމަ އެ އަހަރު ދެއްކި ފިލްމު "ނިއުޓަން"، 2018 ވަނަ އަހަރު ދެއްކި "ސްޓްރީ"، 2020 ވަނަ އަހަރު ދެއްކި "ލޫޑޯ" އަދި މިދިޔަ އަހަރު ދެއްކި "މިމީ" ގައިވެސް ޕަންކަޖް ވަނީ މޮޅު އެކްޓިންއެއް ދައްކާފައެވެ.
މީގެއިތުރުން "މިރުޒާޕޫރު" ، "ކްރިމިނަލް ޖަސްޓިސް" ، "ޔުއާސް ޓްރޫލީ" ، "އަދި "ކްރިމިނަލް ޖަސްޓިސް:ބިހައިންޑް ކްލޯސްޑް ޑޯސް" ފަދަ ވެބް ސިރީޒްތަކުންވެސް ޕަންކަޖް ވަނީ މަޝްހޫރުވެފައެވެ.