ޚަބަރު

ރައްޔިތުންނަށް ނުރައްކާވާނަމަ އެންޓަރނާތައް ވަގުތުން ނަގާނެ: ޝައުނާ


މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމަށް ރަށްރަށުގައި ޤާއިމުކޮށްފައި ހުންނަ އެންޓަނާ ޓަވަރުތަކުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ލިބިދާނެކަމަށް ފާހަގަވެއްޖެނަމަ އެޓަވަރެއް ވަގުތުން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރާނެކަމަށް އެންވަޔަރަމަންޓަރ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އެނޫން ސަބަބަކާހުރެވެސް އެންޓަނާ ޓަވަރެއް އެހެން ސަރަޙައްދަކަށް ބަދަލުކުރަން ޖެހިއްޖެނަމަ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއިއެކު އެކަންވެސް ކުރަން މަސައްކަތްކުރައްވާނެކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އެންޓަރނާތަކާއި ގުޅޭގޮތުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލުތަކަށް އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ އަންގާރަ ދުވަހު ލިޔުމުން ޖަވާބުދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ޤާއިމުކޮށްފައިވާ މިޓަވަރުތަކަކީ އެޓަވަރުތައް ޤާއިމުކުރިއިރު ވަރަށް ގިނަ މަޝްވަރާތަކަކާއެކު އޭރު ރަށްރަށުގެ ކައުންސިލްތަކުން އަދި ރަށު އޮފީސްތަކުން ދޫކޮށްފައިވާ ބިމުގައި ޤާއިމުކޮށްފައިވާ ޓަވަރުތަކެއްކަމަށެވެ. އަދި މިހުރިހާ ޓަވަރެއް ޤާއިމުކޮށްފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިޓަވަރުތައް ޖަހާފައިވަނީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތަށް ރިޢާޔަތްކޮށް ކަނޑައެޅުނު ވަކި ސަރަޙައްދުތަކެއްގެ މައްޗަށް ޑިޒައިންކުރެވުނު ނެޓްވޯކެއްގެ މައްޗަށްކަމަށެވެ. އެހެންކަމުން މިފަދަ އެންމެ އެންޓަރނާއެއް ނެގިނަމަވެސް މުޅި ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް އަސަރުކުރާނެކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިއެންޓަރނާތައް މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ދުރަށް ގެންދިޔުމަކީ ކުރެވިދާނެކަމެއްކަމަށް ނުފެންނަކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު އެންޓަރނާތައް ޤާއިމުކުރަންޖެހެނީ މޫދާއި ވަކި ހިސާބެއް ދުރުގައިކަމުން އެންޓަރނާތައް ހުންނާނީ ރަށުގެ މެދުތެރޭގައިކަމަށްވުމަކީ ރާއްޖެ އުފެދިފައިވާ ގޮތުން އޮތް ގޮންޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓަވަރުތައް ޤާއިމުކުރިއިރު މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައި ޤާއިމުކުރިނަމަވެސް ރަށްރަށަށް އަންނަ ޢުމްރާނީ ތަރައްޤީއާއެކު އެންޓަނާ ހުންނަ ހިސާބުގައި މީހުން އުޅެމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ އެންޓަރނާއެއްގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވާނަމަ އެ އެންޓަރނާއެއް ވަގުތުން ނެގުމުގެ މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި އެނޫންވެސް ސަބަބަކާހުރެ މިއިން އެންޓަރނާ ޓަވަރެއް އެހެން ސަރަޙައްދަކަށް ބަދަލުކުރަންޖެހިއްޖެނަމަ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެކަން ކުރައްވާނެކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.