ޖަރުމަނުވިލާތަށް ހިޖުރަކުރަމުންދާ މީހުންގެ މައްސަލައިގައި އެގައުމުގެ ޗާންސެލަރ އެންގެލާ މަރކެލް މަގާމުން އިސްތިއުފާ ދެއްވަންޖެހޭކަމަށް އެގައުމުގެ 40 އިންސައްތައަށްވުރެ ގިނަ ރައްޔިތުން ދެކޭކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.ޖަރުމަނުވިލާތުގެ ފޯކަސް މެގަޒިނުން އާންމުކުރި ހިޔާލު ހޯދުމުގެ ވޯޓެއްގައި ޖެނުއަރީ 22 ން 25، ޖަރުމަނުވިލާތުގެ ދެހާހަށްވުރެ ގިނަ މީހުންގެ ހިޔާލުހޯދާފައިވެއެވެ. މިއީ މަރކެލްގެ ވެރިކަމުގައި އޭނާ އާއި މެދު އިތުބާރު ނެތްކަމަށް ދެއްކި އެންމެ ގިނަ މިންވަރެވެ. ގިނަ ބަޔަކު ދަނީ މަރކެލްގެ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ. އެގޮތުން، ގިނަ ބަޔަކު ދަނީ ރެފިއުޖީންނާއި މެދު އަމަލުކުރަމުންދާ ސިޔާސަތުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ސަލާމަތަށް އަސަރުކުރާކަމަށް ބުނަމުންނެވެ.ސަރުކާރަށް ކުރިމަތިވަމުން އަންނަ ޕްރެޝަރުގެ ސަބަބުން މަރކެލްގެ ސަރުކާރުން ދަނީ ރެފިއުޖީންނާއި މެދު އަމަލުކުރަމުން އަންނަ ސިޔާސަތުތައް އިތުރަށް ހަރުކަށިކުރަމުންނެވެ. ވިލާތުގެ ގައުމުތަކަށް ހިޖުރަކުރާ މީހުންގެ މައްސަލައިގައި ވިލާތުގެ ގިނަ ގައުމުތަކަށް އެކި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ދަނޑިވަޅެއްގައި ގިނަ ގައުމުތަކުން ދަނީ ސިޔާސަތުތައް އިތުރަށް ހަރުކަށި ކުރަމުންނެވެ.