ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއެކު އެޤައުމުގެ ސުލްޙައިގެ ވާހަކަތައް އާދިއްތަ ދުވަހު ޖެނީވާގައި ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އ.ދން ސޫރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޙާއްޞަ މަންދޫބު ވިދާޅުވެއްޖެއެވެ.ސުޒިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އދ އިން ސޫރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޙާއްސަ މަންދޫބު ސްތެފާން ދެ މިސްތޫރާ ވިދާޅުވީ، ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވާ ސުލްޙައިގެ ވާހަކަތައް މާދަމާ ފެށޭވަރުވާނެ ކަމަށެވެ. ދެ މިސްތޫރާ ވަނީ މިހާރު ޖެނީވާގައި ތިބި ސޫރިޔާގެ ސަރުކާރުގެ ވަފުދާ ބައްދަލުކުރައްވާފައެވެ.ވާހަކަތަކުގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކުގެ ވަފުދު މިހާރު ޖެނީވާއަށް ގޮސްފައިވާ ކަމަށް ޚަބަރު ލިބެއެވެ. ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އެންމެ ފުރަތަމަ ތާވާލުކޮށްފައިވަނީ ހުސްވި ހަފްތާގެ ހޯމަދުވަހު ބޭއްވުމަށެވެ. އެހެންނަމަވެސް ވާހަކަތަކުގައި ބައިވެރިވާ އިދިކޮޅު އިއްތިޙާދުގެ ބައިވެރިން ކަނޑަނޭޅޭތީ ވާހަކަތައް ވަނީ މިފެށޭ ހަފްތާއަށް ފަސްކޮށްފައެވެ.