ޚަބަރު

އަދީބް، ޒިޔަތު އަދި ހާމިދުގެ މައްޗަށް ޚިޔާނާތުގެ ދަޢުވާ


ކުރީގެ ނައިބްރައީސް އަޙުމަދު އަދީބާ ގާތްގުޅުމެއް އޮންނަ ޙާމިދު އިސްމާޢީލްގެ މައްޗަށް ދައުލަތުން އުފުއްލެވި މަނީ ލޯންޑްރިންގެ ދަޢުވާ އަނބުރާ ގެންދަވާ ޙާމިދާއި، އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އެމްޑީ ޢަބުދުﷲ ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ ދަޢުވާ އުފުލައިފިއެވެ.މި ތިންބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓްގައި ދައުލަތުން އުފުލި ދަޢުވާގައި ވިދާޅުވެފައިވަނީ ޅ. އަތޮޅުން ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށެއް ކުއްޔަށް ދިނުމަށްފަހު ލިބުނު ފަސްމިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. މި މައްސަލައިގައި ޙާމިދު އިސްމާޢީލްގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު، ކުރީގެ ނާއިބްރައީސް އަދީބާއި، އެމްއެމްޕީއާރުސީގެ އެމްޑީ ޒިޔަތުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތުގައި ބައިވެރިވިކަމުގެ ކުށުގެ ދަޢުވާއެވެ.މި މައްސަލައިގައި މި ތިން ބޭފުޅުން ކްރިމިނަލް ކޯޓަށް ޙާޟިރުކޮށް މައްސަލަ ކުރިޔަށް ގެންދަވާނެ ގޮތުގެ ތަފްޞީލް ދެއްވާފައިވެއެވެ.މީގެ އިތުރުން މާލެއަތޮޅުގެ ފަޅެއް 50 އަހަރަށް ކުއްޔަށް ދީގެން ލިބުނު އެއްމިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ޒިޔަތާ، އަދީބުގެ މައްޗަށް ދައުލަތުން ދަޢުވާ އުފުއްލަވާ މިހާރު ވަނީ ޝަރީޢަތުގެ އަޑުއެހުންތައްވެސް ފަށާފައެވެ. ނަމަވެސް މިދަޢުވާއަށް މި ދެބޭފުޅުންވެސް ވަނީ އިންކާރު ކުރައްވާފައެވެ.