ފިންގަރޕްރިންޓް ހުށައަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ހައިކޯޓުން ނެރުއްވައިފިއެވެ.ހައިކޯޓުން މި އަމުރު ނެރުއްވާފައިވަނީ އިލެކްޝަނަސް ކޮމިޝަނަށް ފިންގަރ ޕްރިންޓް ހުށަނާޅާ ފަރާތްތައް ޕާޓީތަކުގެ ދަފްތަރުން އުނިކުރުން ފަސްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެންނެވެ. މި މައްސަލަ ހައިކޯޓަށް ހުށައަޅާފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ވަގުތީ އަމުރަކަށް އެދިފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ތިބި މެމްބަރުން އުނިނުކުރެވޭނެކަމަށް ބުނެ ސިވިލްކޯޓަށް ހުށައެޅި މައްސަލަ ނިމެންދެނެވެ. ވަގުތީ އަމުރަކަށް އެމްޑީޕީން ސިވިލްކޯޓްގައިވެސް އެދިފައިވެއެވެ. އެހެންނަމަވެސް އެކޯޓުން ނިންމީ އަމުރު ނެރެދެވެން ނެތްކަމަށެވެ. އިނގިލީގެ ނިޝާން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދެއްވި ސުންގަޑި މިދިޔަ އަހަރުގެ ނިޔަލަށް ހަމަވެފައިވާއިރު ޕާޓީތަކުން މަދުވެގެން ދިޔައީ ނުވަތަ ޕާޓީތަކަށް އިތުރުވެގެން ދިޔައީ ކިހާ މެމްބަރުންނެއް ކަމެއް އަދި އެ ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.އެހެންނަމަވެސް ދިން މުއްދަތުގެ ތެރޭގައި ފިންގަރ ޕްރިންޓް ހަމަނުކުރެވިއްޖެނަމަ ބާވީހަކަށް ހާސް މެމްބަރުން ޕާޓީތަކުން އުނިވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރައްވާފައިވެއެވެ.