ޚަބަރު

ފަންނީ ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފި


ފަންނީ ދައިރާތަކުން އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި އެމްޑަބްލިއުއެސްސީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ދެމެދު އެއްބަސްވުމެއްގައި ޤާއިމުކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން އެމްއައިޓީން ކުރިއަށްގެންދާ އެކި ކޯސްތަކުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީންކުރުމަށްވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިއުއެސްސީން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކުންފުނީގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަކީ ކުންފުނިން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ ދަށުން އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީނުކުރުމަށްޓަކާ 5 އަހަރު ދުވަހުގެ މުއްދަތަކަށް އެމްއައިޓީއާއެކު އެމްޑަބްލިއުއެސްސީން ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.

މިއެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހްއެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމްއެވެ. މީގެދަށުން އެމްޑަބްލިއުއެސްސީން މުވައްޒަފުން ތަމްރީންކުރަން ބޭނުންވާ ދާއިރާތަކުން ތަމްރީންތައް ދިނުމަށް ކުރު ކޯސްތައް ހިނގުމަށް ވަނީ ހަމަޖެހިފައެވެ. މިކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯސްތަކަކަށް ހެދުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މިއެއްބަސްވުމުގެ ދަށުން އެމްއައިޓީން ކުރިއަށްގެންދާ ޓެކްނިކަލް ކޯސްތައް ފަރުމާކުރުމުގައި އެމްޑަބްލިއުއެސްސީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު އެމްއައިޓީގެ ދަށުން ތަމްރީނު ހޯދަމުންދާ އެހެން ފަރާތްތަތަކަށް އެމްޑަބްލިއުއެސްސީ މެދުވެރިކޮށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ޤާބިލް މުވައްޒަފުންތަކެއް ބިނާކޮށް ރަނގަޅު ފެންވަރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެއެވެ. ޚާއްސަކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރަމުންދާ ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދާއިރާތަކާއި ގުޅުންހުރި ކަންކަމުގެ ތަމްރީނުތައް ލިބިފައިވާ ވޯކް ފޯސްއެއް އޮތުމަކީ މުހިއްމުކަމެކެވެ.