ޚަބަރު

ސްޓެލްކޯގެ "އަވިކަތަ" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް


ސްޓެލްކޯގެ "އަވިކަތަ" ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާތަނަށް 90އަށް ވުރެ ގިނަ ފަރާތުން ފޯމު ހުށައަޅާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. މިސްކީމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.

ރާއްޖޭގައި ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުގެ ހަކަތައާއި ބެހޭ ކުންފުނިތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްޓެލްކޯއިން މިހާރުވަނީ އައު ކޮންސެޕްޓަކަށް ހަކަތަ އުފެއްދުމުގެ މަސައްކަތްފަށާފައެވެ.

"އަވިކަތަ"ގެ ނަމުގައި ކުރިއަށްގެންދާ މިހަރަކާތުގައި ސްޓެލްކޯއިން ޢިމާރާތްތަކުގެ ފުރާޅު ކުއްޔަށް ނަގާނެއެވެ. އަދި އެފުރާޅެއް ހުރި ދިމާލުން އިރުގެ އަވި ލިބޭ މިންވަރު ބެލުމަށް ސަރވޭތަކެއް ކުރިއަށްގެންގޮސް، ފުރާޅުގެ ނިސްބަތުން ސޯލަރ ޕެނަލް ހަރުކުރުމުގެ ހުރިހާކަމެއް ކުރިއަށްގެންދަނީ ސްޓެލްކޯގެ ބެލުމުގެ ދަށުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ އެސިސްޓެންޓް އޮފިސަރ އަމްޝާދު އަޙްމަދު ވިދާޅުވީ، މި ޕްރޮގްރާމަށް ޢާއްމުންގެ ތަރުހީބު ލިބެމުންދާކަމަށެވެ. އެގޮތުން މިމަޝްރޫޢުއަށް ކުރިމަތިލުމަށް ހުޅުވާލިފަހުން މާލެއިން 90އަށްވުރެ ގިނަ ގޭބިސީގެ ފުރާޅު ސްޓެލްކޯއަށް ދޫކުރުމަށް ފޯމު ހުށައަޅާފައިވާކަމަށް އަމްޝާދު ވިދާޅުވިއެވެ. އަދި މިވަގުތު ކުރިއަށްދަނީ އެފަރާތްތަކުގެ ފުރާޅުތަކުގެ ސަރވޭގެ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވެއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ "އަވިކަތަ" ޕްރޮގްރާމުގައި ބައިވެރިވެވޭނީ ޕެނަލް ހަރުކުރާ ފުރާޅުގައި މަދުވެގެން 100 އަކަފޫޓުގެ ހުސްގާޖަ އޮންނަނަމައެވެ. އަދި ފުރާޅުގައި މަދުވެގެން 150 ކިލޯގެ ބަރުދަން އުފުލޭނެހައި ވަރު ހުންނަންޖެހޭނެކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. މީގެއިތުރުން ފަސޭހައިން އިރުގެ އަވިލިބޭ ތަނެއްގައި ހުރިތަނަކަށްވުމާއި ޕެނަލް އަދި އިންސްޓޮލޭޝަން ވަޞީލަތްތައް ހަރުކުރެވޭނެ ޖާގަ ހުންނަންޖެހޭކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ގޭގެ ވެރިފަރާތަށް ސްޓެލްކޯއިން ކުލިދައްކާ އުސޫލުން ހިންގާ ޕްރޮގްރާމުގައި 4 ޕެނަލް އިންފެށިގެން 20 ޕެނަލްއާއި ހަމައަށް 20 ރުފިޔާގެ ރޭޓުން ސްޓެލްކޯއިން ދޭނެއެވެ. 21 ވަނަ ޕެނަލްއިން ފެށިގެން 40 ވަނަ ޕެނަލްއާއި ހަމައަށް 30 ރުފިޔާ އަދި 41 ވަނަ ޕެނަލްއިން ފެށިގެން އިތުރުވާ ކޮންމެ ޕެނަލްއަކަށް 45 ރުފިޔާގެ އުސޫލުން ސްޓެލްކޯއިން ގަންނާނެއެވެ. މިސްކީމްގައި ހަރުކުރުމަށް ހަމަޖެހިފައިވަނީ ފުޅާ މިނުގައި 3.4 ފޫޓު އަދި 7.2 ފޫޓު ދިގު ސޯލަރ ޕެނަލްއެވެ.

މި ޕްރޮގްރާމުގައި މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ސްޓެލްކޯއިން ޚިދުމަތް ދެމުންދާ ކޮންމެ ރަށެއްގެ ޢާއްމުނަށް ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމުން އުފައްދާ ހަކަތަ ފީޑުކުރުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ސްޓެލްކޯގެ ގްރިޑަށެވެ.