ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ މިރޭ ފަށާ ކޮންގްރެސްގެ ފަހުން ބާއްވާ ޕްރައިމަރީއަކުންކަމަށް އެޕާޓިން ބުނެފިއެވެ.
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޕްރްެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު މާލީ، އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، އެމްޑީޕީން ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅާނެ ގޮތް އެޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އެމްޑީޕީގެ ކޮންގްރެސްގައި ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުން ނުވަތަ ރިޔާސީ ޓިކެޓް ދިނުމާބެހޭ އެއްވެސް ކަމެއް ނުހިނގާނެކަމަށް އަޙްމަދު ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް އިޞްލާހެއް ކޮންގްރެސްއަށް ހުށައަޅާފައި ނުވާކަން ފާހަގަކުރައްވާ އަޙްމަދު ވިދާޅުވީ، ކޮންގްރެސްއަށްފަހު ރިޔާސީ ޓެކްޓް ދޭނެ ފަރާތް ކަނޑައެޅުމަށް ޕްރައިމަރީއެއް ވަރަށް އަވަހަށް ބާއްވާނެކަމަށެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ސީދާ ތާރީހެއް އަޙްމަދު ވިދާޅެއް ނުވެއެވެ.
"އަޅުގަނޑުމެންގެ ޕާޓިގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ޕްރައިމަރީއެއް ދާދި އަވަހަށް އޮންޏާނެ މި ކޮންގްރެސްއަށް ފަހުގައި. ޕްރައިމަރީން ޓިކެޓް މިދެނީ. ކޮންގްރެސްގައި ޓިކެޓް ދިނުމާ ބެހޭ ވިސްނުމެއް، އިސްލާހެއް އަދި އެކަމުގެ އެއްވެސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައެއް ނުވޭ." އަޙްމަދު ޢަބްދުﷲ ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި 1178 މަންދޫބަކު ބައިވެރިވާކަމަށް އެމްޑީޕީން ބުނެއެވެ. މި ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކާއިމެދު އުފައްދަމުންދާ ސުވާލުތަކާއި ގުޅިގެން އަހުމަދު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވާ ހުރިހާ ގޮފިތަކާއި ރައީސުންނަކީ ޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުގެ މަތީން ޖާގަ ލިބިދޭ ފަރާތްތަކައް ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް 3 ގޮތްޕަކާއި ގުޅޭ 17 ޝަކުވާއެއް އެޕާޓީއަށް ހުށައަޅާފައިވާކަމަށާއި، އެ ޝަކުވާތައް ޕާޓީގެ ގުނަންތަކުން ބަލަމުންދާނެކަމަށްވެސް ވިދާޅުވިއެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސްގައި މިރޭ އޮންނާނީ ކޮންގްރެސް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާއެވެ. މި ކޮންގްރެސްގައި ކުރިއަށްގެންދާ ސެޝަންތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ހުށައަޅުއްވާފައިވާ ޤަރާރު ހުށައަޅައި ގޮތެއް ނިންމުންވެސް ކުރިއަށްދާނެއެވެ.