ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންގްރެސް ކުރިއަށްދަނީ ސޯޝަލް ސެންޓަރުގައެވެ.
މިއަހަރުގެ ކޮންގްރެސްގައި 1178 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. އެމްޑީޕީން ހާމަ ކޮށްފައިވާ ގޮތުގައި މިއީ މިހާތަނަށް އިންތިޚާބުވެފައިވާ އެންމެ ގިނަ މަންދޫބުން ބައިވެރިވާ ކޮންގްރެސް ކަމުގައެވެ. މިގޮތުން މި ކޮންގްރެސްގައި ގައުމީ މަޖިލިހުގެ މެމްބަރުންނާއި، ގޮފިތަކުގެ ރައީސުންނާއި، ކައުންސިލަރުންނާއި ދާއިރާތަކުގެ ރައީސުންނާއި މޭޔަރުންނާއި ކައުންސިލަރުންނާއި ވަޒީރުން ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވައެވެ.
އެމްޑީޕީ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުންކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އެކުގައި ތިބެގެން ކުރިއަށް ދެވޭނެކަމަށާއި، މި ކޮންގްރެސް ވާނީ މާ އުފާވެރި ކޮންގްރެސްއަކަށްކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި ޕާޓިގެ މައްސަލަތައް ހައްލުކޮށް ޕާޓިން ބޭނުންވާ ބަދަލު ހޯދޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިއަކީ މި ރާއްޖެ ބަދަލުކުރި ޕާޓީ، އަދިވެސް ދާނީ މި ޕާޓިން މި ރާއްޖެ ބަދަލުކުރަމުން، ޝައްކެއްވެސް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތުގައި އެޕާޓީގެ އެންމެއިސް ގުނަނަކީ، ކޮންގްރެސްއެވެ. ކޮންގްރެސްގެ ޒިންމާ އަކީ، ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި، އަސާސީ ޤަވާއިދު އިޞްލާޙް ކުރުމާއި، ޕާޓީގެ ޗެއާޕާސަންގެ ނައިބުން އިންތިޚާބުކުރުމެވެ. މިފަހަރުގެ އެމްޑީޕީގެ ކޮންގްރެސްގައި މަޝްވަރާކޮށް ގޮތް ނިންމާނެ މައިގަނޑު ތިންކަމަކީ އެ ޕާޓީގެ ޤަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި، ޤާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން ހިމެނެއެވެ.
އެމްޑީޕީން އެންމެ ފުރަތަމަ ކޮންގްރެސްއެއް ބާއްވާފައިވަނީ 2005 ވަނަ އަހަރުއެވެ. އެމްޑީޕީ ރަޖިސްޓްރީވެގެން ހަރަކާތްތެރިވާން ފެށިތާ މިއަހަރުގެ ޖޫން މަހުގެ 26 އަށް ވަނީ 17 އަހަރު ވެފައެވެ.