ޚަބަރު

ރާއްޖެ: ޢުމްރާނީ ތަރައްޤީގައި ދުވަހަކުވެސް ނުދެކޭ ހިސާބަކަށް


ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ކަމުގައިވީނަމަވެސް ރާއްޖެއިން އަންނަނީ އެކި ދާއިރާތަކުން ޤައުމު ތަރައްޤީ ކުރަމުންނެވެ.

އިންސާނީ ވަޞީލަތާއި ޢުމްރާނީ ތަރައްޤީއެވެ. މިއިން ކޮންމެކަމެއްގައިވެސް ހޯދާ ކާމިޔާބީއަކީ އޭގެ ނަފާ މުޅި ޤައުމަށް ދިގު މުއްދަތެއްގައި ކުރަމުންދާނެ ކަންކަމެވެ.

ކާބަފައިންގެ ރާއްޖެއާއި އަދުގެ ދިވެހިރާއްޖޭގައި އެތައްކަމެއް ތަފާތެވެ. ވޭތުވެގެންދިޔަ 50 އެއްހާ އަހަރުތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ކަންކަން ބަދަލުވެ އެތައް ރޮނގަކުން ދުނިޔޭގެ އެހެން ޤައުމުތަކާއި ފައިތިލަ ސާބިތުކޮށްފިއެވެ. ތަޢުލީމީ ދާއިރާ ހަރުދަނާކޮށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާއިންވެސް ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަކީ ފާހަގަކުރެވޭ ޤައުމަކަށް މިއަދުމިވަނީ ވެފައެވެ. ހަމައެގޮތުން ޤައުމުގެ ޢުމްރާނީ ތަރައްޤީއަށް ބެލިކަމުގައިވީނަމަވެސް އަދުގެ ރާއްޖެއިން އަންނަނީ މީގެކުރިން ވެދާނެކަމަށް ގިނަ ބަޔަކު ހީވެސްނުކުރާ އެތައް ކަމެއް ޙާސިލުކުރަމުންނެވެ. ޢުމްރާނީ ތަރައްޤީގެ ދާއިރާއަކީ ކޮންމެ ސަރުކާރަކުންވެސް ޚާއްސަ އިސްކަންދޭ އެއްދާއިރާއެވެ. އެގޮތުން ބަނދަރު ހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމަކީ ރަށްރަށަށް ނުހަނު މުހިއްމު މަޝްރޫޢުތަކެވެ.

މިވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ސަރުކާރުން މިދެދާއިރާއަށް އެކަނި އަމާޒުކޮށްވެސް ބޮޑު ހޭދައެއްވަނީކޮށްފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެވޯޑްކޮށްފައިވާ މަޝްރޫޢުތަކުގެ އަގަކީ 3.49 ބިލިއަން ރުފިޔާއެވެ. އަދި މިވޭތުވެދިޔަ 4 އަހަރު ތެރޭގައި މިދާއިރާއިން އެވޯޑްކޮށްފައިވާ މަޝްރޫޢުތަކުގެ އަގު 6.54 ބިލިއަން ރުފިޔާއަށް އަރައެވެ. ހަމައެކަނި ބަނދަރު ހެދުމުގެ 36 މަޝްރޫޢެއް މިހާތަނަށްވަނީ ނިމިފައެވެ. 44 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރުވެސް އަންނަނީކުރަމުންނެވެ. ބަނދަރު ހެދުމުގެ 10 މަޝްރޫޢެއް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފައިވާއިރު 22 ރަށެއްގެ މަސައްކަތް ބީލަމުގެ އެކި މަރުޙަލާތަކުގައި ކުރިއަށް އެބަދެއެވެ.

ގުދުރަތީގޮތުން ރަށްރަށް އުފެދިފައިވާގޮތުން ރަށްރަށަށް ލަފާފުރުމުގައި ގިނަ ދަތިތަކެއް ހުރެއެވެ. މިކަމަށް ޙައްލެއް ގެނެސްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ރަށްރަށުގައި ބަނދަރު ތަރައްޤީކޮށްދިނުމުގެ މަސައްކަތް އަދި ކުރިން ތަރައްޤީކޮށްފައިވާ ބަނދަރުތައް މަރާމާތުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބަނދަރު ހެދުމުގައި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނާއި ކައުންސިލުން އެދޭގޮތަށެވެ. އެހެންކަމުން މިގޮތަށް ތަރައްޤީކުރުމުގައިވެސް ރަށްރަށުގެ ޖަޒީރާވަންތަކަމާއި ގުދުރަތީ ވެއްޓަށް ވީހާވެސް ބޮޑަކަށް ގެއްލުން ކުޑަވާނެގޮތަކަށް ޕްލޭންކުރުމަކީ މުހިއްމުކަމެކެވެ.