މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ( އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ކަންކަން ބެއްލެވުމަށްފަހު އެކުލަވާލި ޚާއްޞަ އޮޑިޓް ރިޕޯޓް މާދަމާ މެންދުރުފަހު ޢާއްމުކުރައްވާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.އެސިސްޓެންޓް އޮޑިޓަރ ޖެނަރަލް އިބްރާހީމް އައިމަން ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީ އޮޑިޓް ކުރެއްވުމަށްފަހު އެކުލަވާލެއްވި ޚާއްޞަ އޮޑިޓް ރިޕޯރޓް ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުން މަޖިލީހަށް މިހާރު ފޮނުއްވާފައިވާކަމަށެވެ. އަދި މިރިޕޯރޓް މާދަމާގެ މެންދުރުފަހު އާޢްމުކުރައްވާނެ ކަމަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށްވެސް އިބްރާހީމް އައިމަން ވިދާޅުވިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތަކީ މިހާތަނަށް ތަޙްޤީޤްކުރެއްވި ޚިޔާނާތުގެ ރެކޯރޑް މައްސަލައެއް ކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހާމަކުރައްވައެވެ.އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓް ނެރުއްވުމުން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ގާނޫނީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ސަރުކާރުން އިއްޔެ ދެއްވަވާފައިވެއެވެ. އަދި ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލްވެފައިވާ ފަރާތްތަކާއި، ޚިޔާނާތްތެރިވެފައިވާ ފަރާތްތަކާއި، ކޮރަޕްޝަން ޢަމަލުތައް ހިންގަވާފައިވާ ފަރާތްތަކާ ގުޅޭގޮތުން މި ވޭތުވެދިޔަ އަހަރުތަކުގައި އޭސީސީއާއި އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯރޓްތަކުގެ އަލީގައި އެ ފަދަ ފަރާތްތައް ކޮށްފައިވާ އަމަލުތަކުން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ފައްޓާވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި އެ ފަރާތްތަކަށް ދެކޮޅަށް ދަޢުވާ އުފުލުމުގެ މަސައްކަތް ދައުލަތުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން މިމަހުގެތެރޭގައި ފައްޓަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމުން އެ އިދާރާ އޮޑިޓްކުރެއްވުމަށް އޮޑިޓަރ ޖެނަރަލް ފެއްޓެވީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތާވީސްވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އެންގެވުމުގެ މަތިންނެވެ. ދެހާސްތޭރަވަނަ އަހަރުގެ ނޮވެމްބަރ ސަތާރަވަނަ ދުވަހު ފެށިގެން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ހަތާވީހާ ހަމައަށް އެމްއެމްޕީއާރުސީން ތަފްސީލް އޮޑިޓެއް ހައްދަވާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ. އެމްއެމްޕީއާރްސީގެ އޮޑިޓްކޮށް ރިޕޯޓް އެކުލަވާލާފައިވާއިރު އެސީސީންވެސް ގެންދަވަނީ އެމްއެމްޕީއާރްސީގެ ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤްކުރައްވަމުންނެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅުންހުރި ބައެއް މައްސަލަތަކުގައި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއި ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބްގެ އިތުރުން މި ބޭފުޅުންނާ ގާތްގުޅެއް އޮންނަ ޙާމިދު އިސްމާޢީލްއާ ދެކޮޅަށް ދައުލަތުން ވަނީ ދައުވާ އުފުލައްވާފައެވެ. އަދި ބައެއް މައްސަލަތަކުގެ ޝަރީޢަތްތައްވެސް ވަނީ ފަށްޓަވާފައެވެ.