ޘާނަވީއާއި މަތީ ޘާނަވީ އިމްތިޙާނުގެ މަތީ ދަރަޖަ ހޯދި ދަރިވަރުންނަށް އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިފަހަރުގެ މިއީ ޘާނަވީއާއި މަތީ ޘާނަވީ އިމްތިޙާނުގެ މަތީ ދަރަޖަ ހޯދި ދަރިވަރުންނަށް އިނާމުދިނުން އެއް ރަސްމިއްޔާތެއްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
މިއަހަރުގެ ޘާނަވީއާއި މަތީ ޘާނަވީ އިމްތިޙާނުގެ ނަތީޖާފާޅުކުރުމަށް ވބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އިނާމުކަމުގައިވާ ޘާނަވީއާއި މަތީ ޘާނަވީގެ ގަދަ ދިހައެއްގެ މަތީ ވަނަތައް ޙާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ކުރިން ދެޖަލްސާއެއްގެ ގޮތުގައި ވާއްވާ ރަސްމިއްޔާތު އެއްކޮށް ބޭއްވުމުގެ މައިގަނޑު އެއް ބޭނުމަކީ ޖަލްސާތަކަށް މާލެ އައުމަށް އަތޮޅުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އުފުލާ ތަކުލީފާއި ކުރާ ޚަރަދު ސަލާމަތްކުރުމަށްކަމަށެވެ. މީގެއިތުރުން މަތީ ޘާނަވީ ދަރިވަރުން ހޯދާ ކާމިޔާބީން ރަނގަޅު ނަމޫނާއެއް ޘާނަވީ ދަރިވަރުންނަށް ދައްކައިދިނުމަކީވެސް މިކަމުގެ މަޤުސަދެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ދަރިވަރުންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީވަނީ މިއަހަރުގެ ޘާނަވީއާއި މަތީ ޘާނަވީގެ އެންމެ ޝަރަފުވެރި ނަތީޖާ ޙާސިލުކުރި ދަރިވަރުންނާއި އެންމެ ތޫނުފިލި ދަރިވަރުން އެހެން ކުދިންނަށް ކިޔަވައިދިނުމަށް ތަޢުލީމީ ދާއިރާއާ ގުޅުމަށް އެދިވަޑައިގަންނަވާފައެވެ. މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ މީގެ ސާޅީހެއްހައި އަހަރުކުރިން އޮތް ފަދަ ޝަރަފުވެރި ވަޒީފާއަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަމަށެވެ.
2021ވަނަ އަހަރާއި 2022ވަނަ އަހަރު ރާއްޖެއިން 5955 ދަރިވަރުން ވަނީ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރިވެފައެވެ. އަދި 2641 ދަރިވަރުންވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިޙާނުތަކުގައި ބައިވެރިވެފައެވެ. ކާމިޔާބު ދިރާސީއަހަރެއް ނިންމާފައިވާއިރު ޘާނަވީ އިމްތިޙާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި 13 ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައިވަނީ ހިމެނިފައިވާއިރު 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ. މަތީ ޘާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. މީގެތެރެއިން 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން 52 ވަނައެއް ޙާޞިލުކޮށްފައެވެ.
މިވޭތުވެދިޔަ ދެތިން އަހަރުތެރޭގައި ތަޢުލީމީ ދާއިރާއަށް ގިނަ ބަދަލުތަކެއް ގެނެސް ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން މުދައްރިސުންގެ މުސާރަ ބޮޑުކުރުމާއި ރާއްޖެއިން އޭލެވެލްގައި މިހާތަނަށް ހަދަމުން އައި އެޑެކްސެލް އިމްތިޙާނުގެ ބަދަލުގައި ކެމްބްރިޖް އިމްތިޙާނަށްވަނީ ބަދަލުކޮށްފައެވެ. ކޯވިޑްގެ ޙާލަތުގައި އެންމެ ބޮޑަށް އަސަރުކުރި އެއްދާއިރާއަކީ ތަޢުލީމީ ދާއިރާނަމަވެސް އެދުވަސްވަރާއި އޭގެފަހުންވެސް ކާމިޔާބު ނަތީޖާތަކެއް ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި ދަރިވަރުންވަނީ ޙާސިލުކޮށްފައެވެ.