ޚަބަރު

ކޮންޓެއިނަރ ޕާކުން ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލަން ތައްޔާރުވަނީ


ހުޅުމާލޭގައި ތަރައްޤީކުރާ ކޮންޓެއިނަރ ޕާކުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މުޅިން އައު ކޮންސެޕްޓަކަށް ތަރައްޤީކުރާ ކޮންޓެއިނަރ ޕާކުވެގެންދާނީ ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުފާވެރި ހިތްގައިމު ތަޖުރިބާއެއް ލިބިގެންދާނެފަދަ ތަނަކަށްކަމުގައި އެޗްޑީސީން ދެކެއެވެ.

ހުޅުމާލޭ ރެޑްވޭވް މޯލްގެ ފުރަގަހުގައި ތަރައްޤީކުރަމުންދާ ކޮންޓެއިނަރ ޕާކުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ކޮންޓެއިނަރ ބޭނުންކޮށްގެން ކޮންސްޓްރަކްޝަން ޤާއިމުކުރުމުގެ މަސައްކަތެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ ކޮންސްޓްރަކްޝަންގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެން ކުރިއަށްދާނީ ޕާކު ހިމެނޭ ސަރަޙައްދުގައި ގަސްއިންދާ އެސަރަޙައްދު ފެހިކުރުމުގެ މަސައްކަތްކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެޗްޑީސީއިން ވިދާޅުވީ މިޕާކުގައި ކުދި ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ޢާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ޖާގަ ދޫކުރުމަށާއި ޕާކުގައި ތަރައްޤީކުރާ ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.


ނެއިބަރހޫޑް ޕާކެއްގެ ގޮތުގައި ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ މިކޮންސެޕްޓް ފަރުމާކޮށްފައިވަނީ ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ޕާކުގެ ބޭނުންކުރެވޭނެފަދަ ގޮތަކަށެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ ކުޅޭ ސަރަޙައްދަކާއި ހުޅުވާލެވިފައިވާ މާޙައުލެއްގައި ޒުވާނުންނަށް އަމިއްލަ މަސައްކަތްކޮށްލެވޭނެ ތަންތަންވެސް މިތަނުގައި ހުންނާނެކަމަށް އެޗްޑީސީން ފާހަގަކުރެއެވެ. ހަމައެއާއެކު އުމުރުން ދުވަސްވީ މީހުން ނިކުމެލާ ހިނގާލާ އަދި ޢާއިލާއާއެކު ވަގުތު ހޭދަކޮށްލާނެފަދަ ތަންތަން ޕާކުގައި ޤާއިމުވެގެންދާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ރާއްޖޭގެ އެހެން ސިޓީތަކާއި ޚިލާފަށް ހުޅުމާލެއަކީ މާސްޓަރ ޕްލޭނަކާއެކު ވަކި އާބާދީއަކަށް އަމާޒުކޮށް ތަރައްޤީކުރަމުންދާ ސަރަޙައްދެކެވެ. އެހެންކަމުން ދުނިޔޭގެ އެހެނިހެން ސިޓީތަކުގައި ޢާއްމުންނަށް ލިބެން ހުންނަ ޚިދުމަތްތަކާއި ތޮއްޖެހިފައިވާ މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހިގެން ވަގުތު ހޭދަކޮށްލެވޭނެ ފުރުސަތުތަކެއް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ފަހިކޮށްދިނުމަކީ ހުޅުމާލޭގެ މާސްޓަރޕްލޭންގައި ޚާއްސަ އިސްކަމެއް ދީފައިވާކަންކަމެވެ.