ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރަތްމަންދޫއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ރަތްމަންދޫގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ރައީސަށް މަރުޙަބާ ދެންނެވުމަށް ފާލަން ސަރަހައްދަށް ނުކުމެ އެކަމަނިކުފާނާ ސަލާމްކޮށްފައެވެ. ރައީސްއަށް މަރުޙަބާ ދެންނެވުން ކުރިއަށްދިޔައީ ރަތްމަންދޫ ރައްޔިތުންގެ ޚާއްޞާ ޘަގާފީ ހަރަކާތާއެކުއެވެ.
ރަތްމަންދޫ ކައުންސިލްގެ ރައީސް އިސްމާއީލް ނިހާދު ވިދާޅުވީ، ފެނިގެން ދަނީ އާބަދީ ކުޑަ ރަށެއްނަމަވެސް އެއްވެސް ތަފާތުކުރުމެއްނެތި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން އަންނަތަންކަމަށެވެ. އެގޮތުން ރަތްމަންދޫއަކީ ރާއްޖޭގެ ނިސްބަތުން އެންމެ ކުޑަ އެއް އާބާދީ އޮތް ރަށްކަން ފާހަގަކުރައްވާ ކައުންސިލްގެ ރައީސް ވިދާޅުވީ، މިއީ ރަތްމަންދޫގެ ތާރީޚުގައި އެންމެ ގިނަ މަޝްރޫޢު ކުރިއަށްދާ ދައުރުކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢު ފެށިގެން ކުރިއަށްދާއިރު، ފެނަކަ އައު އިންޖީނުގެ އާއި އައު އޮފީސް ޢިމާރާތް އަދި ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށްދާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
135 މީހުންގެ އާބާދީއެއް ރަތްމަނދޫގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަގު 10.8 މިލިއަން ރުފިޔާއަށް އަރައެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މިރަށަކީ މ.އަތޮޅުގައިވެސް ހަމައެކަނި ބަނދަރެއް ނެތް ރަށްކަމަށާއި، ނަމަވެސް ރާއްޖޭގެ އެކިކަންކޮޅުތަކުން ބޭސްވެރިކަމަށް މީހުން ގިނަ ޢަދަދަކަށް ޒިޔާރަތްކުރާ ރަށެއްކަމަށެވެ. އެހެންކަމުން ރައީސްގެ މި ދަތުރުފުޅުގައި ބަނދަރުގެ މަޝްރޫޢުއަށް އުއްމީދެއް ލިބޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ރަތްމަންދޫއަކީ "ރުއްގަލުބޭސް" ވެރިކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ރަށެކެވެ.
ރަތްމަންދޫގެ އިތުރުން މިއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެއެވެ.
މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރަށްރަށުގައި ހިނގާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާ ލައްވާނެއެވެ.
މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.