ޚަބަރު

ދިއްގަރަށް މިއަހަރު އިރުވައެއް ނެތް، ގޮނޑުދޮށް ހިމާޔަތްވުމުގެ ހިތްހަމަޖެހުން ދިއްގަރު ރައްޔިތުންނަށް


މުުލަކަތޮޅު ދިއްގަރަށް ޒަމާނުއްސުރެ ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށްގިރުމުގެ މައްސަލައެވެ.
1900ގެ އަހަރުތަކުން ފެށިގެން ގިރަމުން އަންނަ ދިއްގަރުގެ ބިމުގެ މިހާރުގެ ބޮޑުމިނަކީ 10 ހެކްޓަރެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިއްގަރުގެ ބިމުން ގާތްގަނޑަކަށް 150 ފޫޓުގެ ސަރަޙައްދެއް ގިރައިގެން ގޮސްފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

10 ހެކްޓަރުގެ ކުޑަ ދިއްގަރުގެ އާބާދީ 1300އަށް އަރައެވެ. ރަށުން ބޮޑުބައެއް ގިރާފައިވާތީ، ރަށަށްވަނީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މޫދާއި ގެތައް އޮންނަ ސަރަޙައްދު ކައިރިވެ، އުދައެރުމުގެ ސަބަބުން ރަށަށް ލިބޭ ގެއްލުންތައްވެސް ވަރަށް ބޮޑެވެ.

މިހާތަނަށް ހައްލެއް ލިބިފައި ނެތް މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވީ މިސަރުކާރުންނެވެ. ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން ވިދާޅުވީ ދިއްގަރު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދިއުމަކީ ރައްޔިތުންނަށް މިއަދު ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށެވެ. އުދަ އަރާ ދުވަސްވަރު، އާއްމު ރައްޔިތުންގެ މުދާ ޙިމާޔަތްކުރުމަށް ނުނިދާ ހޭލާ ތިބެންޖެހޭކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ. ނިޝާން ވަނީ ޒަމާނުއްސުރެން އޮތް ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ދިއްގަރު ރައްޔިތުން ކުރަމުން އައި މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ކާބަފައިން ބާޑިޖަހައި ހިމާޔަތްކުރި. ގޯއްޗަށް ރާޅު އަރާތީ. އިރުއަރާއިރު އޮންނަނީ ގިރާލާފަ. އަނެއްކާވެސް އެ މަސައްކަތްކުރަނީ. މުޅި އިރުވައި މޫސުމުގައި އެހެން މަސައްކަތް ކުރަންޖެހެނީ." އަޙްމަދު ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ އުދަ އެރުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ބޮޑު ގެއްލުމެއް އެ ސަރަހައްދުގެ ގެތަކަށް ލިބޭކަމަށާއި، ނަމަވެސް މިއަހަރުން ފެށިގެން އެކަމަށް ހައްލެއް ލިބިފައިވާކަމަށެވެ. އިރުވައި މޫސުމުގައި އުދަ އެރުމުގެ ސަބަބުން ގެއްލުން ލިބެމުންދިޔަ ނަމަވެސް، ކައުންސިލްގެ ރައީސް ސިފަކުރެއްވީ މިއަހަރު ދިއްގަރު ރައްޔިތުންނަށް އިރުވައި ނާންނަކަމަށެވެ.

"ރަށަށް އުދަ އަރާ ދުވަސްވަރު ރަށުގެ ދެބައިކުޅަ އެއްބައިި ގެއަށް ލޮނުގެ އަސަރުކޮށް އެ ގޭގެ ތަކެއްޗަށާ، ގަސްގަހާ ގެއްސަށް ގެއްލުން ލިބިގެން ދިޔަ. ނަމަވެސް ރައީސްގެ ޒަޢާމަތުގައި ތޮށި ލެވިގެން ދިއުމުން މިއަހަރު ދިއްގަރު ރައްޔިތުންނަށް އިރުވައެއް ނުވޭ. މީގެ ކުރިން ދިއްގަރު ރައްޔިތުންނަށް އިރުވައި ވަނީ ގެއަށް ލޮނުގަނޑު ވަނީމަ. ލޮނުގަނޑު ވަނީމަ އިރުވައިގެ ގަދަ އިހްސާސް ކުރެވެނީ."އަޙްމަދު ނިޝާން ވިދާޅުވިއެވެ.

ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ރަށުގެ ގިރަމުންދާ ސަރަޙައްދުގައި 300 ފޫޓަށްވުރެ ބޮޑު ސަރަޙައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހާފައެވެ. އަދި މޫދަށް އެރޭ ސަރަހައްދެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.

ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔައީ ބިން ހިއްކުމުގެ މަޝްރޫޢާއެކުއެވެ. އެގޮތުން ބިންހިއްކުމުގެ މަސައްކަތް މިވަގުތުވެސް ދިއްގަރުގައިި ދަނީ ކުރަމުންނެވެ.

މިއީ ސަރުކާރު ބަޖެޓުން 121 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.