ޚަބަރު

ޝަކީރާ ހިތްހަލާކުވެފައި


ސްޕެއިންގެ ބާސެލޯނާ އަށް ކުޅޭ ޑިފެންޑަރު ޖެރާޑް ޕީކޭ އާއި ކޮލަމްބިއާގެ ޕޮޕް ލަވަކިޔުންތެރިޔާ ޝަކީރާގެ 12 އަހަރުވީ ގުޅުން ނިމުމަކަށް ގެނައިކަން އިއުލާނުކުރީ މިދިޔަ ޖޫން މަހުއެވެ.

މި ޚަބަރު ވެގެންދިޔައީ އެމީހުންގެ ފޭނުންނަށާއި ގިނަ ބަޔަކަށް ޝޮކަކަށެވެ. ދެ މީހުން ވަކިވިއިރު ވަނީ ދެ ފިރިހެން ކުދިންވެސް ލިބިފައެވެ. އެއީ މިލާން އާއި ޝާޝާއެވެ.

މިކަމާއި ގުޅިގެން ޝަކީރާ ދަނީ ވަރަށް އުނދަގޫ ދުވަސްތެއް ހޭދަކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ކަންތައްގަނޑު ތެރޭގައި ޝަކީރާ އުޅެނިކޮށް އިތުރު ހިތްދަތިކަމެއް ލިބުނީ ޕީކޭ އާއި ލޯބިވެރިޔާ ކްލާރާ ޗިއާގެ ގައިގޯޅި ފޮޓޯތަކެއް ވައިރަލް ވުމުންނެވެ.

ކުދިންގެ ކަސްޓަޑީ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، ޝަކީރާ ވަނީ އޭނާ އާއި ބެހޭގޮތުން ނޫސްތަކުގައި ހުންނަ ނެގެޓިވް ޚަބަރުތައް ކުދިންނަށް ނާންގާ ވޭތޯ ވަރަށް މަސައްކަތް ކުރަމުންނެވެ. ޖޫން މަހު އެ ދެމީހުން ވަކިވިކަން އިއުލާން ކުރުމަށް ޝާކިރާ އާއި ޕީކޭ ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއް ހިއްސާކޮށްފައެވެ. އެ ދެމީހުންވެސް ވަނީ ދަރިންގެ ދުޅަހެޔޮކަމަށް "އެންމެ ބޮޑު އިސްކަމެއް ދޭ" ކަމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ބުނެފައެވެ.

"ކުއީން އޮފް ކެޓިން މިއުޒިކް"ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝަކީރާ، އާއި ޕީކޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެންމެ ފުރަތަމަ ހާމަކުރީ 2011 ވަނަ އަހަރުގެ މާރިޗު މަހު، ޝަކީރާ އެވެ. ދެ މީހުން ފުރަތަމަ ދިމާވީ މީގެ 12 އަހަރު ކުރިން 2010 ގައި ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގެ އޮފިޝަލް ލަވަ "ވައްކާ ވައްކާ (ދިސް ޓައިމް ފޯ އެފްރިކާ)" ޝޫޓް ކުރަން އުޅުމުގެ ތެރޭގައެވެ.