ޚަބަރު

ލާރާއާއި ކަންގަނާއަށް ފަހު ފާތިމާވެސް އިންދިރާ ގާންދީގެ ރޯލަށް


ޝޯނާލީ ބޯސްގެ "ރާތު ރާނީ" އިން ދާދި ފަހުން ފެނުނު ފާތިމަތު ސަނާ ޝައިޚް އަނެއްކާވެސް އެހެން ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފިއެވެ.

ފާތިމާގެ މިފަހަރުގެ ފިލްމަކީ މެގްނާ ގުލްޒާރުގެ "ސާމް ބަހާދުރު" އެވެ. މި ފިލްމުގައި ފާތިމާ ކުޅޭ ރޯލަކީ އިންދިރާ ގާންދީގެ އައިކޮނިކް ރޯލެވެ. އޭނާއަށް މި ލިބުނު ރޯލަކީ މުހިންމު ރޯލެއް ނަމަވެސް ފާތިމާ ވަނީ އެ ފިލްމަށް އެއްބަސްވީ ހަމައެކަނި މެގްނާގެ ސަބަބުން ކަމަށް ބުނެފައެވެ. އޭނާ އަކީ މެގްނާގެ ވަރަށް ބޮޑު ފޭނެއް ކަމަށް ފާތިމާ ވަނީ ބުނެފައެވެ.

އާމިރު ޚާންގެ "ދަންގަލް" އިން މަޝްހޫރުވި 30 އަހަރުގެ ބަތަލާ ފާތިމާ ބުނި ގޮތުގައި "ސޭމް ބަހާދޫރް" ގައި އިންދިރާގެ ރޯލު ކުޅެން ލިބުމަކީ ތާރީޚީ ގޮތުންވެސް އިންޑިއާގައި އެންމެ ފާހަގަކޮށްލެވޭ އަންހެން ސިޔާސީ ޝަހުސިއްޔަތެއްގެ ހަޔާތް މުތާލިއާކުރަން ލިބުނު ރަނުގެ ފުރުސަތެކެވެ. އެހެންކަމުން އިންދިރާގެ ރޯލު ބެލުންތެރިން އެންމެ ބޭނުންވާ ގޮތަށް ގެނެސްދޭން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

އިންޑިއާގައި މިހާތަނަށް ބޮޑުވަޒީރުކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާކަމަށްވާ އިންދިރާ ގާންދީގެ ރޯލަށް ފިޓްވުމުގެ ގޮތުން އިންދިރާގެ ވަރަށް ގިނަ އިންޓަވިއުތައް ބަލަމުން އަންނަ ކަމަށާއި އޭނާ އާއި ބެހޭގޮތުން ލިޔެފައިވާ ފޮތްތަތައްވެސް ކިޔަމުން އަންނަ ކަމަށް ފާތިމާ ވަނީ ބުނެފައެވެ.

ވިކީ ކޯޝަލް ޓައިޓްލް ރޯލު ކުޅޭ "ސޭމް ބަހާދޫރް" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ފީލްޑްމާޝަލް ސޭމް މަނެކްޝޯ ނުވަތަ ސޭމް ބަހާދޫރްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ސޭމް މަނެކްޝޯއަކީ އިންދިރާ ގާންދީގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފެވެ.

މި ފިލްމުގެ ކާސްޓުގައި ފާތިމާއާ އެކީ 2016 ގެ "ޑަންގަލް" އިން ބޮލީވުޑަށް ނުކުތް ސާނިއާ މަލްއުތުރާވެސް ހިމެނެ އެވެ. މި ފިލްމު ސިނަމާތަކަށް އަންނަނީ 2023 ގައެވެ.

"ސޭމް ބަހާދޫރް" ގައި ފާތިމާ އިންދިރާގެ ރޯލު ކުޅޭ އިރު، ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށް، ކުޅޭ "އިމަޖެންސީ" ގައި ކަންގަނާވެސް ކުޅެނީ އިންދިރާ ގާންދީގެ ރޯލެވެ. މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ގައި ލާރާ ދައްތާ ވެސް އިންދިރާގެ ރޯލު ކުޅެފައިވެއެވެ.

ފާތިމާ ދެން އެންމެ އަވަހަށް ފެންނާނީ ތާޕްސީ ޕަންނޫ ކޯ ޕްރޮޑިއުސްކުރާ ފިލްމު "ދަކް ދަކް" ހިމެނެއެވެ. މިހާރު ޝޫޓިން ފަށާފައިވާ މި ފިލްމުގައި ދިއާ މިރްޒާ، ރަތްނާ ޕަތަކް ޝާ އަދި ސަންޖަނާ ސަންގީވެސް ފެންނާނެއެވެ.