ޗައިނާއިން އެންމެ ގިނައިން ދަރަނި ނުވަތަ ލޯނު ނަގާފައިވާ ޤައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.
މި ލިސްޓަކީ ދުނިޔޭގެ މަޝްހޫރު ވިޔަފާރި މަޖައްލާ ފޯބްސްއިން އާއްމުކޮށްފައިވާ ލިސްޓެކެވެ.
ފޯބްސްއިން އާއްމުކޮށްފައިވާ ޗައިނާއަށް ދަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި ރާއްޖެ ހިމެނިފައިވާއިރު އެ ލިސްޓުގެ 3 ވަނައަށް ރާއްޖެ އެރީ ބޭރުގެ ދަރަންޏާއި ގައުމުގެ އާމްދަނީގެ ނިސްބަތުން 38 ޕަސެންޓު ދަރަނި ޗައިނާއަށް ނިސްބަތްވާތީއެވެ.
ރާއްޖޭގެ ދަރަނީގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ނުވަތަ 22 ބިލިއަން ރުފިޔާއަކީ ޗައިނާއިން ނަގާފައިވާ ދަރަންޏެވެ.
ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން ސަރުކާރުން މީގެކުރިން ހާމަކުރައްވާފައިވާ ގޮތުގައި 2013 އިން 2018ގެ ނިޔަލަށް ރާއްޖެއިން 39 ބިލިއަން ރުފިޔާގެ ދަރަނި ވަނީ ނަގާފައެވެ. އަދި މިވޭތުވެގެންދިޔަ 4 އަހަރުގެތެރޭގައި ރާއްޖެއިން ނަގާފައިވަނީ 37 ބިލިއަން ރުފިޔާގެ ދަރަނިކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި ވަނީ 100 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ދައުލަތުގެ ޖުމުލަ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
ވޯލްޑް ބެންކާއި ޙަވާލާދީ ފޯބްސްއިން ޢާއްމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ޗައިނާއަށް އެންމެ ބޮޑަށް ދަރާފައި ވަނީ އެފްރިކާގެ ޤައުމެއްކަމަށްވާ ޖިބޫޓީއެވެ. ގައުމުގެ އާމްދަނީގެ ނިސްބަތުން 43 އިންސައްތަ ދަރަޏަކީ ޗައިނާއަށް ނިސްބަތްވާ ދަރަންޏެވެ. ލިސްޓުގެ 2 ވަނައިގައި 41 އިންސައްތައާއެކު އެފްރިކާގެ ޤައުމެއްކަމަށްވާ އެންގޯލާއެވެ. 3 ވަނައިގައި ރާއްޖެ އުޅޭއިރު 4 ވަނައިގައި އުޅެނީ ލާއޯސްއެވެ. އަދި ޗައިނާއިން އެންމެ ގިނައިން ލޯނު ނަގާފައިވާ ޤައުމުތަކުގެ ލިސްޓުގެ 5 ވަނަ ލިބެނީ ރިޕަބްލިކް އޮފް ކޮންގޯއަށެވެ.
ފޯބްސްއިން ޢާއްމުކޮށްފައިވާ ގޮތުގައި ޗައިނާއިން އެންމެ ގިނައިން ދަރަނި ނަގާފައިވަނީ އާމްދަނީ މަދުން ލިބޭ ޤައުމުތަކުންނެވެ. އެއީ އެ ޤައުމުގެ ދޫކޮށްފައިވާ ދަރަނީގެ 37 އިންސައްތައެެވެ. ކުޑަ ޢަމްދަނީ ލިބޭ ޤައުމުތަކުގެ ދަރަނި މިހާބޮޑުވުމުގެ މައިގަނޑު ސަބަބެއްކަމަށް ފޯބްސްއިން ބުނަނީ އެޤައުމުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ޗައިނާއިން ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓު މަތިވުމެވެ. އަދި ކުޑަ ޢާމްދަނީ ލިބޭ ޤައުމުތަކާއި ޚިލާފަށް ބައިލެޓްރަލް ދަރަނި ދައްކަންޖެހޭ ޤައުމުތަކުގެ އިންޓްރެސްޓްރޭޓް ދަށްކަމަށްވެސް ފޯބްސްއިން ހާމަކުރެއެވެ.
ޗައިނާއިން އެންމެ ގިނައިން ލޯނު ދޫކުރަމުން އަންނަނީ ސިލްކް ރޯޑް ޕްރޮޖެކްޓްގެ ދަށުން ޤައުމުތަކުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށެވެ. މިގޮތުން ރާއްޖޭގައި ތަރައްޤީކޮށްފައިވާ ސިނަމާލޭ ބްރިޖާއި ހިޔާ ފްލެޓުތަކާއި އެނޫންވެސް ބައެއް މަޝްރޫޢުތަކަކީ ޗައިނާއިން ލޯނު ނަގައިގެން ތަރައްޤީކޮށްފައިވާ ތަންތަނެެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އަމީރު މިދިޔަ ޖޫންމަހު ވިދާޅުވީ ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތްކަމަށާއި، ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރިކަމަށެވެ. އަދި ދަރަނި ނުދެއްކިގެން ބަނގުރޫޓްވާފަދަ ހާލަތަކަށް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ނުދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އަމީރު ވިދާޅުވިއެވެ.