މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ފާޑުކިޔުންތަކާއި، ގާނޫނީ ގާބިލުކަމާމެދު އުފެދުނު ސުވާލުތަކާ ގުޅިގެން، ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ކޭޓީ ޒަކަރައިޔާ މަގާމުން ވަކިކޮށްފިއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ފަސް ދުވަހުގެ ތެރޭގައި ކޭޓީ ޒަކަރައިޔާ މަގާމުން ވަކިކޮށްފިއްފައި މިވަނީ އާންމުންނާއި މީޑިއާގެ ބޮޑެތި ފާޑުކިޔުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަށްފަހުއެވެ.
އޭނާ މަގާމުން ވަކިކޮށްފިކަން ހާމަކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، މަގާމުގައި ދެމިހުންނަވަން ބޭނުންފުޅުނުވާނަމަ އެކަން މަޖުބޫރު ނޫން ކަމަށާއި، އޭނާގެ މަގާމުގައި ޓްރަމްޕް ހުންނެވިނަމަ މަގާމާ މެދު އަދި އަލުން ވިސްނަވާނެ ކަމަށް ޒަކަރައިޔާގެ އަރިހުގައި ވިދާޅުވި ކަމަށެވެ.
އެމެރިކާގެ ރައީސްއަށް ހާއްސަކުރެވިފައިވާ "މެރިން ވަން" ހެލިކޮޕްޓަރު ކައިރީގައި ހުންނަވައި ޓްރަމްޕް އިތުރަށް ވިދާޅުވީ، މީޑިއާތަކުން ޒަކަރައިޔާ އާއި މެދު އަމަލުކުރީ ވަރަށް ހަރުކަށިކޮށް ކަމަށާއި، އެފަދަ ބޮޑު ނަފްސާނީ ޕްރެޝަރަކާއި ފާޑުކިޔުންތަކެއް ކުއްލިއަކަށް އޭނާ ތަހައްމަލުކުރައްވަން ޖެހިވަޑައިނުގަންނެވުމަކީ ދެރަ ކަމެއްކަމަށެވެ.
އުމުރުން 42 އަހަރުގެ ޒަކަރައިޔާ މަގާމުން ވަކިކުރުމުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޓްރަމްޕަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި، އެމަނިކުފާނާއެކު މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އިދިކޮޅު ޑިމޮކްރެޓުން ވަނީ މި ކުއްލި އިސްތިއުފާއަކީ ޓްރަމްޕްގެ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިސް ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސް ވިދާޅުވީ، މިއީ "މަގާ" ހަރަކާތް ބަލިކަށިވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
ޒަކަރައިޔާއަށް ފާޑުކިޔުން އަމާޒުވާން ފެށީ އޭނާ ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން 15 މިނެޓަށް ވެސް ނުވާ އެ ބައްދަލުވުމުގައި ޖަވާބުދެއްވީ އެންމެ 3 ސުވާލަށް ކަމަށްވުމާއި، މުޅިންވެސް ނޯޓުފޮތަކަށް ބައްލަވައިގެން ވާހަކަދެއްކެވުމުގެ އިތުރުން، އަމިއްލަ ފިރިކަލުންނަށް "ރައީސް" ގެ ނަމުން މުޚާތަބުކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ޕެޕަރޑައިން ޔުނިވަރސިޓީގެ ލޯ ސްކޫލުން ތައުލީމު ހާސިލުކުރައްވާފައިވާ ޒަކަރައިޔާ، ބާ އިމްތިހާނުން ފާސްވެފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ޗައިނާގައި އުޅުއްވި ދުވަސްވަރު އެކަން ކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް، ފަހުން އޭނާ ވަނީ ބާ އިމްތިހާނުން ފާސްވެފައިނުވާ ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.
ފޮކްސް ނިއުސް ފަދަ އިދާރާތަކަށް ދެއްވި އިންޓަވިއުތަކުގައި ޒަކަރައިޔާ ވިދާޅުވީ، ބާ އިމްތިހާނުގެ ވާހަކަ ޓްރަމްޕަށް ދަންނަވާފައި ނުވަނީ އެފަދަ ސުވާލެއް އެމަނިކުފާނު ނުކުރައްވާތީ ކަމަށާއި، އަދި އޭނާއާ ހަވާލުކުރެއްވި މަގާމަކީ ގާނޫނީ ވަޒީފާއަކަށް ނުވާތީ ކަމަށެވެ. ޒަކަރައިޔާގެ މި ކުރު ދައުރަކީ ވައިޓް ހައުސްގެ ޕްރެސް ޓީމުގެ ތާރީޚުގައި ވެސް އެންމެ ކުރު މުއްދަތެއްގައި ބޭފުޅަކު މަގާމުގައި ދެމިހުންނެވި ފަހަރެވެ. މީގެކުރިން މި ރެކޯޑު އޮތީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެންމެ 10 ދުވަހު މަގާމުގައި ހުންނެވި އެންތަނީ ސްކަރަމޫޗީގެ އަތުގައެވެ. ވައިޓް ހައުސްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޒަކަރައިޔާ ވަނީ ފޮކްސް، ނިއުސްމެކްސް، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ޓްރުތު ސޯޝަލްގައި މަސައްކަތްކުރައްވާފައެވެ.