ޚަބަރު

ފިލްމުގެ ނާކާމިޔާބީއަށްފަހު އާމިރު ސެންފްރެންސިސްކޯގައި


އާމިރު ޚާންގެ ވަރަށް އިންތިޒާރު ކުރި ފިލްމު "ލާލް ސިންގް ޗައްޑާ" މިދިޔަ މަހު 11 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވިއިރު، މިއީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި އެއް ފިލްމެވެ.

ނަމަވެސް މި ފިލްމު ވެގެން ދިޔައީ ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށެވެ. މީގެ ނާކާމިޔާބީއަށްފަހު އާމިރުގެ އެއްވެސް ޚަބަރެއް ދަބަރެއް ނުވެ ހުރުމަށްފަހު އިއްޔެ މީޑިއާތަކަށް އައި ޚަބަރަކީ އާމިރު އެމެރިކާގެ ސެންފްރެންސިސްކޯގައި ހުރި ޚަބަރެވެ.

މިކަން ހާމަވީ އާމިރުގެ ފޭނަކާ ދިމާވެ، އޭނާއާއިއެކު ނަގާފައިވާ ސެލްފީއެއް ޓުވިޓާގައި އާންމުވުމުންނެވެ. ޓެކް ކްރަންޗްގެ ސީނިއާ ރިޕޯޓަރެއް ކަމަށްވާ ނަތާޝާ ކިޔާ ޓްވިޓާ ޔޫޒަރަކު ވަނީ އޭނާގެ ސޯޝަލް މީޑިއާ ހެންޑްލްގައި އާމިރާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.


"ލާލް ސިންގް ޗައްޑާ" ޕްލޮޕް ވުމުން އާމިރު ދެ މަހުގެ ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށްވެސް މީގެކުރިން ރިޕޯޓުތައް ވަނީ ބުނެފައެވެ. އެ ބްރޭކްގެ ހުރިހާ ވަގުތެއް ހޭދަކުރާނީ އެމެރިކާގެ ނިއު ޔޯކްގައި ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ފިލްމު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ފިލްމުގެ ޕްރޮމޯޝަންތައްވެސް ފެށިތަނާހެން ފިލްމާއި ދެކޮޅަށް ފެށި ބޮއިކޮޓް ކެމްޕޭންގެ ސަބަބުންނެވެ. އެކަމާ ހެދި އާމިރު ދެރަވެ، ފިލްމު ބޮއިކޮޓްނުކޮށް ބަލަން އެދި އާދޭސްވެސް ކޮށްފައިވެއެވެ.

"ލާލް ސިންގް ޗައްޑާ" ފްލޮޕްވިއިރު 2018 ވަނަ އަހަރު ދެއްކި އާމިރުގެ "ތަގްސް އޮފް ހިންދުސްތާން" ވެސް ވަނީ ބޮޑުތަނުން ފްލޮޕްވެފައެވެ. އަދުވައިތު ޗަންދަން ޑައިރެކްޓްކޮށް، ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ލާލް ސިންގް ޗައްޑާ" އަކީ 1994 ވަނަ އަހަރު ދެއްކި ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ.

އާމިރުގެ ކުރިއަށްއޮތް ފިލްމަކީ ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާބެހޭގޮތުން އާމިރު އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މީގެއިތުރުން 2018 ވަނަ އަހަރު ދެއްކި ސްޕެއިންގެ ސްޕޯޓްސް ފިލްމު ކެމްޕިއޯނެސް (ޗެމްޕިއަން) އަށް ބިނާކޮށް އުފައްދާ ފިލްމަކަށް އާމިރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ޑައިރެކްޓަރަކީ 2017 ވަނަ އަހަރު ދެއްކި "ޝުބް މަންގަލް ސާވްދާން" ގެ ޑައިރެކްޓަރު އާރްއެސް ޕްރަސައްނާއެވެ.