ޚަބަރު

ހާބަރުގައި ހުރި ކެފޭތަކާއި ފިހާރަތައް ހުސްކުރަނީ


އާ ހާބަރުގައި ހުރި ކެފޭތަކާއި ފިހާރަ އަދި ގުދަންތައް ހުސްކުރަން ހައުސިންގ މިނިސްޓްރީން އެތަންތަނަށް ނޯޓިސް ފޮނުއްވައިފިއެވެ. ދެކުނު ހާބަރު ސަރަހައްދު ގައި ހުރި ކެފޭތަކާއި ފިހާރަތައް ހުސްކުރަން އަންގާފައި މިވަނީ އެ ސަރަހައްދު ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފައިވުމުން އެ ފަރާތުން މާޗް 1 ގައި މަސައްކަތް ފަށަން ހަމަޖައްސާފައިވާތީކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ހާބަރު ކަޑަތަކުގެ ތެރެއިން އެއް ނަންބަރު ކަޑައިން ފެށިގެން 26 ނަންބަރާ ހަމަޔަށް ހުރިހާ ކަޑަތަކާއި، ފިހާރަތަކާއި ގުދަންތައް މާޗް މަހުގެ އެއްވަނަ ދުވަހުގެ ކުރިން ހުސްކޮށްދޭން މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ. އަދި ކަޑަ ނަންބަރު 29 އިން ފެށިގެން 50 ނަމްބަރާ ހަމަޔަށް ހުސްކުރަން މުއްދަތު ދީފައި ވަނީ އޭޕްރިލް އެއްވަނަ ދުވަހުގެ ނިޔަލަށެވެ.  ހާބަރު ސަރަހައްދުގެ ކަޑަތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހައުސިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެސްޓީއޯއާއެވެ.އެ ސަރަހައްދު އަލުން ތަރައްގީކުރާއިރު ތިރީސް ހާސް އަކަފޫޓުގެ ބިމެއްގައި 25 ފުޑް ސްޓޯލް ހިމަނާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ދެކުނު ހާބަރު ސަރަހައްދުގެ ކަޑަތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު ހަ މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ. އެތަން ހިންގުން އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ ދިހަ އަހަރު ދުވަހުގެ މުއްދަތަކަށެވެ.