ޚަބަރު

ޔަހޫދީންގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވަން އޯއައިސީގެ ދައުރު ފުޅާކުރަން ޖެހޭ


  • ސައުދި ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީ ބައްދަލުވުމުގައި ޚާރިޖީ ވަޒީރުވަނީ ތަޤުރީރު ކުރައްވާފައި

  • ޚާރިޖީ ވަޒީރުވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމްކުރުމަށް ގޮވާލައްވާފައި

ޔަހޫދީ ދައުލަތުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް އޯއައިސީގެ ދައުރު ފުޅާކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ. ޚާރިޖީ ވަޒީރު މިފަދައިގެން ގޮވާލައްވާފައިވަނީ ސައުދި ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުންނެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ، ޤައްޒާގެ ސުލްހައިގެ މަގުޗާޓު ތަންފީޒު ކުރުމަށް ޔަހޫދީ ދައުލަތުން ފާޅުގައި ދެކޮޅު ހަދަމުން ދިއުމާއި ގުޅިގެން ސައުދި ޢަރަބިއްޔާ އިސްވެ ބާއްވާ ބައްދަލުވުމެކެވެ. ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯއައިސީ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވަމުން ވަޒީރު އިރުތިޝާމް އާދަމް ވަނީ ފަލަސްޠީނުގެ ހައްގުގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވާފައެވެ.

މިބައްދަލުވުމުގައި ވަޒީރު ދެއްވި ތަޤުރީރުގައި، ޔަހޫދީ ދައުލަތުން، ފަލަސްޠީނުގެ ބިންތަކަކީ އެމީހުންގެ އަމިއްލަ މިލްކެއްކަމުގައި ނިންމައި ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރެއްވިއެވެ. އަދި ޔަހޫދީންގެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވައި ޔަހޫދީ ދައުލަތުގެ މައްޗަށް ބައިނަލްއަގްވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފުޅާކުރުން މުހިންމުކަމަށް ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ގާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވައި އެވާހަކަ ވަޒީރު އިރުތިޝާމް ތަކުރާރުކުރެއްވިއެވެ.

މީގެއިތުރުން ދެމެހެއްޓެނިވި ސުލްހައަށް އޮތް މަގެއްގެ ގޮތުގައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި އޯއައިސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި ޚާރިޖީ ވަޒީރު އިރުތިޝާމްވަނީ، އޯއައިސީ އާއި ރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ވަނީ އިސްލާމީ ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވައި ރާއްޖެއާއި އެޤައުމުތަކުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ. މީގެތެރޭގައި ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ވާރްސެން އަޤަބެކިއަން ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު އިރުތިޝާމް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީއަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްޠީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 ގައި މި ޖަމްޢިއްޔާގެ މެމްބަރަކަށްވުމަށްފަހު މި ޖަމްޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.