މި މަހުގެ 10 ވަނަ ދުވަހު މުމްބާއީގެ ގޮނޑުދޮށްތައް ސާފުކުރަން އެހީތެރިވާން ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްޅާއާއިއެކު އިންޑިއާގެ ގިނަ ބަޔަކު ނިކުތުމަށް އޭނާ އެދެފިއެވެ.
ސޯޝަލް މީޑިއާގައި ޕަރިނީތީ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވާގޮތުގައި ގޮނޑުދޮށްތަކަށް ކުނި އެޅުމަކީ ގިނަ ބަޔަކު ކުރާ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވެ ގިނަ ދިރޭތަކެތި މަރުވެދާކަމަށްވެސް ޕަރިނީތީ ވަނީ ބުނެފައެވެ. އެހެން ކަމުން ގޮނޑުދޮށްތަކާއި ކަނޑުތައް ސާފުކުރުމަކީ އެންމެންގެވެސް ޒިންމާއަކަށް ހަދަން ވީޑިއޯގައި ޕަރިނީތީ ވަނީ ބުނެފައެވެ.
އޭނާ މިހާރު ތައްޔާރުވަނީ މި މަހުގެ 10 ވަނަ ދުވަހު އޮންނަ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށްކަމަށާއި، އެންމެންވެސް މިކަމުގައި ބައިވެރިވުމަށް ޕަރިނީތީ ވަނީ އެދިފައެވެ. ޕަރިނީތީ ވަނީ ކަނޑުގެ ދިރުންތަކުގެ ހިމާޔަތުގައި މީގެކުރިންވެސް ވާހަކަ ދައްކާފައެވެ.
އުމުރުން މިހާރު 33 އަހަރުގެ ޕަރިނީތީގެ ހިތުގައި މޫދަށާއި، ކަނޑުފަޅުގެ ދިރުންތަކަށް ޚާއްސަ ލޯތްބެއް އުފެދުނީ 2013 ގައި ބަލީ އަށް ކުރި ޗުއްޓީ ދަތުރެއްގައި ފުރަތަމަ ފަހަރަށް ޑައިވްކުރަން ދިއުމަށް ފަހުއެވެ. އެ ޑައިވަށްފަހު އޭނާ ވަނީ ޕަޑީ އޯވަން ވޯޓާ ޑައިވާ ސެޓިފިކެޓް ވެސް ހޯދައިފައެވެ.
އޭގެ ފަހުން އޭނާ ކޮންމެ ތިން މަހަކުން އެއް ފަހަރު ޑައިވިނަށް ދެވޭތޯ މަސައްކަތްކުރެ އެވެ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއްގެ ގޮތުގައި ޕަރިނީތީ ސިފަކުރާއިރު، އޭނާ ބުނީ މޫދާ ނުލާއި، އޭނާ އަށް ދެން ނޫޅެވޭނެ ކަމަށެވެ.
ޕަރިނީތީ ބުނީ އޮސްޓްރޭލިއާގެ އެމްބެސެޑާއެއްގެ ގޮތުގައި މަސައްކަތްކުރިއިރު މުރަކަތައް ހުދުވުމާއި އިތުރު އެކި ގޮތްގޮތަށް ލިބޭ ގެއްލުންތައް ފެނުނު ކަމަށެވެ. އަދި އެކަމަކީ ވަރަށް ބޮޑަށް ދެރަވި ކަމަށް ވެސް ބުންޏެވެ.
2011 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ޕަރިނީތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސޫރާޖް ބަރްޖަތުޔާގެ "އުންޗާއީ" އިންނެވެ. މީގައި ޕަރިނީތީ ފެންނާނީ ޚާއްސަ ފެނިލުމަކުންނެވެ. އެއަށްފަހު އަކްޝޭ ކުމާރާއިއެކު "ކެޕްސޫލް ގިލް" އިން ޕަރިނީތީ ފެންނާނެއެވެ.