ކުޅިވަރު

ފުރަތަމަ ދުވަހު ސްވިމިންގެ ޤައުމީ ތިން ރެކޯޑް އާކޮށްފި


އިއްޔެ ކުރިއަށްދިޔަ ސްވިމިންގް އިވެންޓްތަކުގައި ފެތުމުގެ ޤައުމީ ތިން ރެކޯޑް ދިވެހި ފެތުންތެރިން އާކޮށްފިއެވެ. އިއްޔެ ހެނދުނު 200 މީޓަރ ބްރެސްޓް ސްޓްރޯކްގެ ޤައުމީ ރިކޯޑް އުއްމީދީ ފެތުންތެރިޔާ އައިޝަތު ސާޖިނާ އާކުރިއިރު، އޭނާގެ ދައްތަ އާމިނަތު ސަޖަންވަނީ 200 މީޓަރ ފްރީ ސްޓައިލްގެ ޤައުމީ ރެކޯޑް އާކޮށްފައެވެ. އިންޑިޔާގެ ގުވަހާޓީގައި މިހާރު ކުރިއަށްދާ 12ވަނަ ސައުތް އޭޝިއަން ގޭމްސްގައި އައިޝަތު ޝަޖަން ގައުމީ ރެކޯޑް އާކުރީ 3 މިނެޓް 8.66 ސިކުންތުން 200 މީޓަރ ބްރެސްޓް ސްޓްރޯކްގެ ހީޓް ނިންމައިގެންނެވެ. ދުއިސައްތަ މީޓާރ ބްރެސްޓް ސްޓޯކްގެ ޤައުމީ ރެކޯޑް މީގެ ކުރިންވެސް އޮންނަނީ ސާޖިނާ އަތުގައެވެ. އޭނާ އަތުގައި ކުރިން އޮތް ރެކޯޑްގެ ޓައިމިންއަކީ 3 މިނެޓް 16.50 ސިކުންތެވެ. އޭނާ މި ރެކޯޑް ހެދީ މިދިޔަ އަހަރު ރަޝިޔާގެ ކަޒާންގައި އޮތް ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައެވެ.200 މީޓަރ ފްރީ ސްޓައިލް އަންހެން ފައިނަލް ހީޓްގައި ވާދަކޮށް އާމިނަތު ސަޖަންވެސް ވަނީ ޤައުމީ ރެކޯޑް އާކޮށްފައެވެ. 200 މީޓަރ ފްރީ ސްޓައިލް އަންހެން ޤައުމީ ރެކޯޑް މީގެ ކުރިންވެސް އޮންނަނީ އާމިނަތު ސަޖަަންގެ އަތުގައެވެ. އޭނާ މީގެ ކުރިން 200 މީޓަރ ފްރީ ސްޓައިލް ގައުމީ ރެކޯޑް ހަދާފައިވަނީ 2014ވަނަ އަހަރު ސްކޮޑްލެންޑްގައި އޮތް ކޮމަންވެލްތް ގޭމްސްގައެވެ. މިއަދު އޮތް ހަތަރެއް ގުނަ 100 މީޓަރ އަންހެން ރިލޭގައިވެސް ދިވެހި ޤައުމީ އަންހެން ޓީމްވަނީ ޤައުމީ ރެކޯޑް އާކޮށްފައެވެ. 2004ވަނަ އަހަރު ޕާކިސްތާންގައި އޮތް 9ވަނަ ސައުތް ގޭމްސްގައި ދިވެހި ޤައުމީ އަންހެން ޓީމް ހަދާފައިވާ ރެކޯޑް އޭގެ ބާރަ އަހަރު ފަހުން މުގުރާލީ 4 މިނެޓް 44.87 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޕާކިސްތާންގައި ވާދަކުރި ޓީމްގެ ޓައިމިންގ އަކީ 5 މިނެތް 7.64 ސިކުންތެވެ. ޕާކިސްތާންގައި 2004ވަނަ އަހަރު ވާދަކުރި އަންހެން ސްވިމިންގ ޓީމްގައި ހިމެނެނީ މަރިޔަމް ނަފްހާ އަލީ، އައިޝަތު ޝައުޝަން، އާމިނަތު ރޫޔާ އަދި އައިޝަތު މަލްދާއެވެ. މި ޓީމްގެ ރެކޯޑް މިފަހަރުގެ ގޭމްސްގައި މުގުރާލި ޓީމްގައި ހިމެނޭ ފެތުންތެރިންނަކީ އައިޝަތު ޝައުޝަން، އާމިނަތު ޝަޖަން، އާއިޝަތު ސާޖިނާ، އަދި އަމްނައު ސަލީމެވެ.12ވަނަ ސައުތް އޭޝިއަން ގޭމްސްގެ ސްވިމިންގ އިވެންޓައް ކުރިއަށް އޮތް ތިންދުވަހުވެސް ކުރިއަށްދާނެއެވެ.