ޚަބަރު

ސިޓީ ކައުންސިލްގެ ނިންމުމާމެދު ވެމްކޯގެ ކަންބޮޑުވުން


މާލެއާއި ވިލިމާލޭގެ މަގުތަކާއި ޢާންމު ތަންތަން ސާފުކުރުމަށް ވެމްކޯއާއިއެކު މާލެސިޓީ ކައުންސިލުން އެކުލަވާލާފައިވާ އެއްބަސްވުން އައުނުކުރުމަށް އެކައުންސިލުން ނިންމުމާއި ގުޅިގެން ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނުގައިވަނީ ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ވެމްކޯއިން ދެމުންދާ ޚިދުމަތާއި ގުޅޭގޮތުން ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ދައްކަވާފައިވާ ވާހަކަތައް ކުށްވެރިކުރާކަމަށެވެ.

ބުރާސްފަތި ދުވަހު ބާއްވާފައިވާ މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މާލެއާއި ވިލިމާލޭގެ މަގުތަކާއި ޢާއްމު ތަންތަން ވެމްކޯ މެދުވެރިކޮށް ސާފުކުރުމަށް ކުރާހޭދަ ވަރަށްބޮޑުކަމަށް މެމްބަރުންވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވެމްކޯއިން މަސައްކަތް ކުރުމަށް ކައުންސިލުން ކޮންމެ މަހަކު ވެމްކޯއަށް 2.5 މިލިއަން ރުފިޔާ ޚަރަދުކުރާކަމަށާއި މިމަސައްކަތް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންކުރާނަމަ މިމަސައްކަތް 1.5 މިލިއަން ރުފިޔާއަށް ކުރެވޭނެކަމަށް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައިވަނީ އަންދާޒާކޮށްފައެވެ. އެހެންކަމުން ވެމްކޯއާއެކު އެކުލަވާލާފައިވާ އެއްބަސްވުން އައުނުކުރުމަށް ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލްގެ ނިންމުމާއި ގުޅިގެން ވެމްކޯއިން ނެރުނު ނޫސްބަޔާނުގައިވަނީ %100 ދިވެހިން ހިމެނޭ ވެމްކޯގެ މުވައްޒަފުންގެ ވަޒީފާއާއި މެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެބަޔާނުގައިވަނީ މާލެ ސިޓީ ކައުންސިލުން މުނިސިޕަލް ޚިދުމަތުގައި ޙަރަކާތްތެރިވަނީ ބިދޭސީންކަން ފާހަގަކޮށްފައެވެ. މީގެއިތުރުން މުވައްޒަފުން ބެލެހެއްޓުމުގައި އަހަރަކު 12 މިލިއަން ރުފިޔާ ހުށައަޅާފައިވާއިރު މިފަދަ ބޮޑު ޚިދުމަތެއް ދިނުމުގައި މީގެއިތުރުން ހިނގާ ޚަރަދުތަކަށް ކައުންސިލުން ރިޢާޔަތްނުކުރާކަން ވެމްކޯގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ސިޓީ ކައުންސިލުން މަސައްކަތުގައި ބޭނުންކުރާ އުޅަނދުތަކާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަކީ ޚަރަދު ބޮޑު ކަންތައްތައްކަން ވެމްކޯއިންވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ސިޓީ ކައުންސިލުން ކުނި އުކުމަށް ބޭނުންކުރަން ހުށައަޅާފައިވާ އުޅަނދުތަކަކީ މިކަމަށް ތައްޔާރުކޮށްފައިވާ އުޅަނދުތަކަށްނުވުމުގެ ސަބަބުން ކުނި ނެގުމުގެ ޚަރަދު އިންތިހާއަށް ބޮޑުވާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި ކައުންސިލުން ކުނި ތިލަފުއްޓަށް ގެންދާނަމަ އެއީ އިތުރު ޚަރަދެއްކަންވެސް ވެމްކޯއިންވަނީ ފާހަގަކޮށްފައެވެ.

ވެމްކޯއަކީ މާލޭގައި ކުނި މެނޭޖްކުރުމަށް 2017ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. މީގެދަށުން މާލެގެ ގޭބިސީތަކުން އުފެދޭ ކުނި ނަގާ ނައްތާލުމަކީ ވެމްކޯގެ ޒިންމާއެކެވެ. އެހެންނަމަވެސް ޢާއްމު ތަންތަނުން ކުނި ނަގާ ސާފުކުރުމަކީ މާލެ ސިޓީ ކައުންސިލްއަށް މަތިކޮށްފައިވާ ޒިންމާއެވެ. މިގޮތަށް ހުންނަ ތަންތަން ސާފުކޮށް ކުނި ނެގުމަށް މާލެ ސިޓީއާއެކު ވެމްކޯއިންވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.