ޚަބަރު

11 ރަށެއްގައި ފާމަސީ ތަރައްޤީކުރުމަށް އެސްޓީއޯއަށް


11 ރަށެއްގައި ފާމަސީ ތަރައްޤީކުރުމަށް ސްޓޭޓް ޓްރޭޓިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯއާއި ޙަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީއާއި އެސް.ޓީ.އޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 11 ރަށެއްގެ ހެލްތު ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނެގިގެންދާނެއެވެ. އަދި އެއަށްފަހު އައު ފާމަސީތައް ހެލްތު ސެންޓަރުގެ ގޯތިތެރޭގައި ޤާއިމުކޮށް ހުޅުވިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތް އެސް.ޓީ.އޯއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުލް ހަންނާނު ޙުސެއިނެވެ. އަދި އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ، ބިޒްނަސް ރިސަރޗް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް މުޙައްމަދު އިޙްސާން ވަހީދެވެ.

ފާމަސީ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތައް:


- ހއ. ތުރާކުނު - އދ. ދިގުރަށް
- ހއ. ތަކަންދޫ - މ. މަޑުއްވަރި
- ނ. ލަންދޫ - މ. ކޮޅުފުށި
- ބ. ދޮންފަނު - މ. ރަތްމަންދޫ
- ތ. އޮމަދޫ - ގއ. ކަނޑުހުޅުދޫ
- ގއ. ކޮލަމާފުށި

މިއަހަރަށް ބެޖެޓް ކުރެވިގެން ޖާގައިގެ ދަތިކަން ހުރި 25 ރަށެއްގެ ހެލްތު ސެންޓަރުގެ އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ގޯތިތެރެއަށް ބަދަލުކުރުމުގެ ޕްރޮޖެކްޓެއް ހެލްތު މިނިސްޓްރީއާއި ގުޅިގެން އެސް.ޓީ.އޯއިން ވަނީ ފަށާފައެވެ.

މި ޕްރޮޖެކްޓާގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވަމުން އެސް.ޓީ.އޯއިން ވިދާޅުވީ، މިހާތަނަށް 3 ރަށެއްގައި ފާމަސީ އިމާރާތް ނިމި އޮޕަރޭޝަނަށް ގެނެވިފައިވާކަމަށެވެ. އަދި 2 ރަށެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، އަލަށް ސޮއިކުރެވުނު 11 ރަށުގެ އިތުރުން، އިތުރު 9 ރަށެއްގެ މަސައްކަތް ކުރުމަށް ކުރިއަށް ރޭވިފައިވާކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

އެސް.ޓީ.އޯއިން ވިދާޅުވީ، އަލަށް ޙަވާލުކުރެވުނު 11 ރަށުގެ ފާމަސީ ހެދުމުގެ މަސައްކަތް ކުރިއަށް އޮތް 4 މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި މަޝްރޫޢުގެ ސަބަބުން ފާމަސީތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސްފިހާރައިގެ ޚިދުމަތް ހޯދުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއެވެ. މި ރަށްރަށުގައި މި މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމުގައި އެރަށަކަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށާއި، މިކަމުގެ ސަބަބުން ރަށަށް ފައިދާތައް ވެގެންދާނެކަންވެސް އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.