ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއްޖެއެވެ.
ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށްގެންދަނީ ގޭބިސީތަކާއި ވިޔަފާރިތަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ "ލިސްޓިންގ"ގެ މަސައްކަތެވެ. މިމަސައްކަތް ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ލިސްޓުކުރުމަށްފަހު އަންނަ ހޮނިހިރު ދުވަހު ބޯހިމެނުމަށް މަޢުލޫމާތު އެއްކުރުމަށް ރަސްމީކޮށް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެބިއުރޯގެ ސީނިއާ ސްޓެޓިސްޓިކަލް އޮފިސަރ ޢާއިޝަތު އާނިޔާ ވިދާޅުވީ ލިސްޓިންގެ މަސައްކަތުގައި މާލެއާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައިވެސް ލިސްޓިންގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މިމަޢުލޫމާތުގެ މައްޗަށް ބިނާކޮށް 17 ވަނަ ދުވަހު ގޭބިސީތަކުގައި ދިރިއުޅޭ މީހުންނާއި ދިރިއުޅުމުގެ ޙާލަތާއި ގުޅޭ މަޢުލޫމާތު ނެގުމަށް ބޯހިމެނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކުދިން ދާނެކަމަށް އާނިޔާ ވިދާޅުވިއެވެ.
"ކުރީ ފަހަރުތަކާއި އަޅާބަލާއިރު މިހާރުވެސް ޢާއްމުންގެ ފަރާތުން އެއްބާރުލުން ލިބޭ، ދޮރު ނުހުޅުވުމުގެ މައްސަލަތަކާއި ގޭބިސީތަކުގެ މީހުންނާއިބައްދަލުނުވުމުގެ ކަންކަން ވަރަށް މަދު މިފަހަރު. އެހެންނަމަވެސް ބައެއް ގޭބިސީތަކުން އެމައްސަލަ އެބަކުރިމަތިވޭ. އަޅުގަނޑުމެންގެ އެދުމެއް އަޅުގަނޑުމެން ދޫކޮށްލާ ގަނޑުކޮޅުގައި ހިމެނޭ ނަމްބަރުތަކަށް ގުޅައިގެން ގަޑިއެއް ދެއްވުން." އާނިޔާ ވިދާޅުވިއެވެ.
ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ ތަރައްޤީއާއި ސީދާގުޅުންހުރި މުހިއްމު މަސައްކަތެކެވެ. އެހެންކަމުން ގޭބިސީތަކުން މިކަމުގައި އަދިވެސް ބޮޑަށް އެއްބާރުލުން ދެއްވުމަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިލްތިމާސެކެވެ. އަދި މާލެއާއި އަތޮޅުތެރޭގެ ގޭބިސީތަކުން ލިސްޓިންގައި މަޢުލޫމާތު ނުދެވޭ ނަމަ 1423 ހޮޓްލައިނަށް ގުޅައި އެކަން އެނގުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގޭބިސީތަކުން މަޢުލޫމާތު ދެއްވުމަށް ދެއްވާފައިވާ ގަޑިތަކުގައި ގޭގައި މަޑުކޮށްދެއްވުމަށް އެމްބީއެސްއިން އެދެއެވެ.
ބޯހިމެނުމުގައި ޙަރަކާތްތެރިވާ ކުދިންގެ މަޢުލޫމާތު އެނގޭނެކަން އަދި އެއީ އެމްބީއެސްގެ ފަރާތުން ޙަރަކާތްތެރިވާ ކުދިންކަން ކަށަވަރުކުރުމަށް ގޭބިސީތަކަށް ދާކުދިންގެ އަތުގައި އޮންނަ ފާހުގައި ހިމެނޭ ކިއުއާރް ކޯޑުން ކުދިންގެ މަޢުލޫމާތު އެނގިގެންދާނެކަމަށް އެމްބީއެސްއިން ވިދާޅުވެއެވެ.
ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއްއަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. މީގެ ދަށުން ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރާނެއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތުވެސް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ.