ޚަބަރު

އަޔޫޝްމާންގެ "ޑްރީމް ގާލް-2" އަންނަ އަހަރުގެ ޖޫންމަހު


2019 ވަނަ އަހަރު ދެއްކި ކާމިޔާބު ފިލްމު "ޑްރީމް ގާލް" ގެ ސީކުއަލް "ޑްރީމް ގާލް 2" ގެ ޓީޒާ ދައްކާލައިފިއެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ގެނެސްދޭ މި ފިލްމުގެ ދެވަނަ ބައިގައި އަޔޫޝްމާންއާއެކު ފެނިގެންދަނީ ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ތަރި އަނަނިޔާ ޕާންޑޭއެވެ. މި ދެތަރިންގެ އިތުރުން، ފިލްމުން ދެން ފެނިގެންދާ މުހިއްމު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރު، ޕަރޭޝް ރާވާލް، މަނޯޖް ޖޯޝީ، ވިޖޭ ރާޒް، ސީމާ ޕަހުވާ އަދި ރާޖްޕާލް ޔާދާވްވެސް ހިމެނެއެވެ.

"ޑްރީމް ގާލް" އަކީ ވަޒީފާއެއް ހޯދަން އުޅޭ ޒުވާނަކު ވަޒީފާއެއް ނުލިބިގެން އެންމެ ފަހުން ކޯލް ސެންޓަރެއްގައި ޕޫޖާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން މަސައްކަތްކުރަން ފެށުމުން އޭނަގެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ.

އަޔުޝްމާނާއެކު ކުރީގެ ފިލްމުގެ ބަތަލާއެއްގެ ރޯލު ކުޅުނީ ނުޝްރަތު ބަރޫޗާއެވެ. މި ފަހަރުގެ ފިލްމުގެ ބަތަލާއެއް ރޯލުން އަނަނިޔާ ފެންނައިރު އޭނާ މި ފިލްމަށް ނެގުމުން ގިނަ ބަޔަކު ވަނީ އަނަނިޔާއަށް އެކްޓުކުރަން ނޭގޭ ކަމަށް ބުނެ ފާޑުވެސް ކިޔާފައެވެ.

އަންނަ އަހަރުގެ ޖޫން 29 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ފުރަތަމަ ބައިވެސް ޑައިރެކްޓްކުރި ރާޖް ޝާންޑަލިއާ އެވެ. އަދި "ޑްރީމް ގާލް 2" ގެ ވެސް ޕްރޮޑިއުސްކުރަނީ އެކްތާ ކަޕޫރްގެ ބާލާޖީ ފިލްމްސް އިންނެވެ.


އެންމެ 28 ކްރޯޑް ރުޕީސް ގެ ބަޖެޓަކުން އުފެއްދި "ޑްރީމް ގާލް" އަކީ ބޮކްސް އޮފީހުގައި 200 ކްރޯޑް ރުޕީސް ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

2012 ވަނަ އަހަރު ދެއްކި "ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފްވި އަޔޫޝްމާނަކީ އަބަދުވެސް ވަރަށް ތަފާތު ފިލްމުތަކެއް ކުޅޭ ތަރިއެކެވެ. ފިލްމީ ދާއިރާގައި ވޭތުވެދިޔަ 10 އަހަރު ހޭދަކޮށްފައިވާ އަޔޫޝްމާނު ދެން އެންމެ އަވަހަށް ފެންނާނީ "ޑޮކްޓާ ޖީ" އިންނެވެ. މީގައި އަޔުޝްމާން ފެންނާނީ ގައިނޮކޮލިޖިސްޓެއްގެ ރޯލުންނެވެ.

އަނަނިޔާ އެންމެ ފަހުން ފެނިފައިވަނީ ދެކުނު ތަރި ވިޖޭ ދެވަރަންކޮޑާއާއިއެކު ފެނުނު "ލައިގާ" އިންނެވެ. އަނަނިޔާ ދެން އެންމެ އަވަހަށް ފެންނާނީ ސިންދާންތު ޗަކުރުވެދީއާއި އާދާޝް ގޯރަވް އާއިއެކު ފެންނަ "ކޯ ގައި ހަމް ކަހާ" އިންނެވެ.