ދުނިޔެ

ކޮރެއާއިން މިސައިލް ޓެސްޓްކުރި މައްސަލަ އދ.އިން ކުށްވެރިކޮށްފި


އުތުރުކޮރެޔާއިން ބެލަސްޓިކް މިސައިލެއް ތަޖްރިބާކުރި މައްސަލަ، އދ.ގެ ސަލާމަތީ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ. މިކަމާބެހޭގޮތުން މަޝްވަރާކުރުމަށް ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި އުތުރުކޮރެޔާގެ މިއަމަލަކީ، އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމުގެ އަމަލެއްކަމަށް ސިފަކޮށް އެގައުމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފައިވެއެވެ.އުތުރުކޮރެޔާގެ މިސައިލް ތަޖްރިބާއާ ގުޅިގެން ބޭއްވި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށްފަހު ދެއްވި ބަޔާނެއްގައި އެމަޖިލީހުގެ މިދައުރުގެ ރައީސް ވެނެޒުއެލާގެ މަންދޫބު ރަފައީލް ޑާރިޔޯ ރަމިރީޒް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ހުރިހާ މެންބަރުން އުތުރުކޮރެޔާގެ މިއަމަލު ކުށްވެރި ކުރިކަމަށެވެ. އަދި އުތުރުކޮރެޔާއިން ތަކުރާރުކޮށް ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ގޮންޖަހަމުން ދިޔުމަކީ ބޮޑުމައްސަލައެއްގެ ގޮތުގައި އެމަޖިލީހުގެ މެންބަރުން ސިފަކުރެއްވިކަމަށްވެސް ރަމިރީޒް ވިދާޅުވިއެވެ. އުތުރުކޮރެޔާއިން ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއް ތަޖްރިބާކުރި މައްސަލާގައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދި ހުށަހަޅާފައިވަނީ އެމެރިކާއިންނެވެ. މިކަމަށް ތާއީދުކޮށްފައިވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންނެވެ. ސަލާމަތީ މަޖިލީހުން އުތުރުކޮރެޔާ ކުށްވެރިކޮށް ނެރުނު ބަޔާނަށްފަހު އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ސަމަންތާ ޕަވަރ ވިދާޅުވީ އުތުރުކޮރެޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލާ އިތުރު ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމަށް އެމެރިކާ މަސައްކަތް ކުރާނެކަމަށެވެ. އަދި އުތުރުކޮރެޔާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ އަދި އދ. ގެ ގަރާރުތަކާ އިދިކޮޅު ޣައިރުގާނޫނީ އެތަށް އަމަލުތަކެއް ހިންގަމުން ގެންދާ ގައުމެއްކަމަށް ސަމަންތާ ސިފަކުރެއްވިއެވެ. އުތުރުކޮރެޔާއިން އާދީއްތަ ދުވަހުވަނީ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއް ތަޖްރިބާކޮށްފައެވެ. މިއީ ސެޓަލައިޓެއް އޯބިޓްގައި ބެހެއްޓުމަށްޓަކައި ފަޒާއަށް ފޮނުވާލި ރޮކެޓެއްކަމަށް އުތުރުކޮރެޔާގެ ސަރުކާރުން ބުނިނަމަވެސް އެގައުމުން ފޮނުވާލާފައިވަނީ ދިހަ ހާސް ކިލޯމީޓަރުގެ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއްކަމަށް ޖަޕާނާއި ދެކުނުކޮރެޔާއިން ބުނާއިރު މިއީ އެމެރިކާގެ ބައްރަށްވެސް ފޯރާފަދަ ދުރުރާސްތާގެ ސްޓްރެޓީޖިކް މިސައިލެއްކަމަށް ވަނީ ބެލެވިފައެވެ. އުތުރުކޮރެޔާއިން ދާދިފަހުންވަނީ ހައިޑްރިޖަން ބޮމެއްވެސް ތަޖްރިބާކޮށްފައެވެ. އެމެރިކާ ބުނެފައިވަނީ އުތުރުކޮރެޔާއިން ތަޖްރިބާކުރީ ނިއުކްލިޔަރ ބޮމެއްކަމަށް. އެމައްސަލާގައިވެސް އުތުރުކޮރެޔާއާ ދެކޮޅަށް އިހްތިޖާޖްގެ ގަރާރެއް ފާސްކުރުން ނޫން އެހެންކަމެއް ސަލާމަތީ މަޖިލީހަށް ކުރެވިފައެއްނުވެއެވެ. އުތުރުކޮރެޔާއިން ނުރައްކާތެރި ހަތިޔާރު އުފައްދައި ތަޖްރިބާ ކުރަމުން ގެންދާ މައްސަލާގައި ސަލާމަތީ މަޖިލީހުންވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އެތަށް ފިޔަވަޅުތަކެއް މީގެކުރިން އަޅާފާ. ނަމަވެސް މިފިޔަވަޅުތަކަށް އުތުރުކޮރެޔާއިން މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަދި ސަލާމަތީ މަޖިލީހުން އަޅާފައިވާ ފިޔަވަޅުތަކަކީ ކިތަންމެ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ވިޔަސް އެއީ އުތުރުކޮރެޔާ ކުރަންބޭނުންވާ ކަމެއް ކުރުން މަނާކުރެވޭފަދަ ނޫނީ އެފަދަ ކަންކަން ހުއްޓުވޭފަދަ ފިޔަވަޅުތަކަކަށް ނުވެއެވެ.