ޚަބަރު

ސަލްމާންގެ ޑޮކިއުމެންޓްރީ ދައްކާނީ އޭނާގެ އުފަން ދުވަހު


ބޮލީވުޑްގައި އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭނެ އެއް ތަރިއަކީ ސަލްމާން ހާންއެވެ.

ފިލްމީ މަސައްކަތުގައި 30 އަހަރަށްވުރެ ގިނަ އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ސަލްމާން ވަނީ ބޮލްކް ބާސްޓާ އެތައް ފިލްމެއް ދޫކޮށްލާފައެވެ. ފިލްމު ކުޅުމުގެ އިތުރުން ގިނަ ޓީވީ ޝޯތަކެއްވެސް ވަނީ ސަލްމާން ހޯސްޓްކޮށްފައެވެ.

ސަލްމާނުގެ ވާހަކަ ކިޔައިދޭ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ފުރަތަމަ ދެކެވެންފެށީ މިދިޔަ އަހަރު ފަހުކޮޅުއެވެ. އޭގެފަހުން މިހާރު މިއޮތީ އެ ޑޮކިއުމެންޓްރީ ރިލީޒްކުރާނެ ތާރީޚުވެސް އިޢުލާނުކޮށްފައެވެ.

"ބިޔޯންޑް ދަ ސްޓަރ" ގެ ނަމުން ނަން ދީފައިވާ މި ޑޮކިއުމެންޓްރީ ދައްކަން ފަށާނީ ސަލްމާނުގެ އުފަން ދުވަސްކަމަށްވާ އަންނަ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ. މި ޑޮކިއުމެންޓްރީއަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ މުހިންމު ގިނަ ކޮންޓެންޓް ގެނެސްދޭ އެޕްލޯސް އެންޓަޓެއިންމަންޓާއި ސަލްމާނުގެފިލްމު ކުންފުނި، އެސްކޭއެފް އާއި ގުޅިގެން އުފައްދާ އެއްޗެކެވެ.

"ބިޔޯންޑް ދަ ސްޓަރ" ގައި ބޮޑަށް ގެނެސްދޭނީ ސަލްމާނުގެ ފިލްމީ ކެރިއަރުގެ ވާހަކައެވެ. އެހެންނަމަވެސް އަމިއްލަ ދިރިއުޅުމުގައި ތަޖުރިބާކުރަން ޖެހުނު ކަންކަންވެސް ކޮންމެވެސް ވަރަކަށް ގެނެސްދޭނެއެވެ.

އެގޮތުން ސަލްމާނާ އެކީ އެކި ދުވަސްވަރު ފިލްމުތަކެއް ހެދި ޑައިރެކްޓަރުންގެ އިންޓަވިއުތަކެއް ވެސް ޑޮކިއުމަންޓްރީގައި ހިމެނޭނެއެވެ. އޭގެ ތެރޭގައި ސޫރަޖް ބަރްޖަތިއާ، ސަންޖޭ ލީލާ ބަންސާލީ، ސުބާޝް ގާއީ އަދި ޕްރަބޫދޭވާ ހިމެނެއެވެ. ސަލްމާންގެ ކޮއްކޮ ސުހައިލް ޚާނާއި ބަތަލާ ޑިޝާ ޕަޓާނީ އާއި ބަގިޔާޝްރީ އާއި ލަވަކިޔުންތެރިޔާ ކަމަލް ޚާންގެ އިތުރުން ހިމޭޝް ރޭޝަމިއާގެ އިންޓަވިއުވެސް ހިމެނޭނެއެވެ.

މީގެއިތުރުން މީގެކުރިން އާންމުނުވާ ސަލްމާނުގެ ކުޑައިރުގެ އާއި އެކި ދުވަސްވަރުގެ ފޮޓޯތަކާއި ވީޑިއޯތައްވެސް މި ޑޮކިއުމެންޓްރީ އިން ފެންނާނެއެވެ. ޑޮކިއުމެންޓްރީ ރިލީޒްކުރާ ތާރީޚް އިޢުލާނުކުރި ނަމަވެސް މީތި ބެލޭނީ ކޮން ޕްލެޓްފޯމަކުން ކަމެއް ހާމައެއް ނުކުރެއެވެ.

ސަލްމާނުގެ ކުރިއަށްހުރި މަސައްކަތްތަކުގެ ތެރޭގައި އަންނަ ޑިސެމްބަރުމަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ކިސީ ކީ ބާއި ކިސީ ކީ ޖާން" ، އަންނަ އަހަރު އޭޕްރީލް މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޓައިގާ ޒިންދާ ހޭ 3" އަދި ރިލޒްކުރާނެ ތާރީޚެއް މުޅިން ފައިނަލް ނުވާ "ނޯ އެންޓްރީ މޭ އެންޓްރީ" އަދި "ކިކް 2" ހިމެނެއެވެ.