ޚަބަރު

ސަޢޫދީގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައިފި


ސަޢޫދީ ޢަރަބިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެޤައުމުގެ އަވަށްޓެރި ޤައުމުތަކަށް ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ގޮވާލައްވައިފިއެވެ. ރިޔާޒްގައި ކުރިޔަށްދާ ސަޢޫދީ ސަޤާފީ އިޙްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުން ސަލްމާން ރަސްގެފާނު ވިދާޅުވީ ސަޢޫދީން މަސައްކަތް ކުރަނީ އެޤައުމުގެ އަމިއްލަ ދިފާޢުގައި ކަމަށާ ސަޢޫދީން އެހެން ޤައުމުތަކުގެ ކަންތައްތަކުގެ ތެރެއަށް ނުވަންނަކަމަށެވެ. އެހެންކަމުން އެހެން ޤައުމުތަކުންވެސް ސަޢޫދީ ޢަރަބިޔާގެ ގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެދޭކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. ސަޢޫދީ ރަސްގެފާނުގެ ވާހަކަފުޅުގައި ވަކި ޤައުމެއްގެ ނަން ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ވާހަކަފުޅުގައި ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވަނީ އީރާނަށް ކަމަށް މުރާސިލުން ބުނެއެވެ.