ހދ.އަތޮޅު މަދުރަސާގައި ހަދަމުން އަންނަ 12 ކްލާސްރޫމް ޢިމާރާތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.
މިމަސައްކަތް ޙަވާލުކޮށްފައިވަނީ ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއެވެ. ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ހދ. އަތޮޅު މަދުރަސާގެ އައު ޢިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
ހދ.އަތޮޅު މަދުރަސާގައި 12 ކްލާސްރޫމްގެ އައު ޢިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް "ވީ އަވާ އިންވެސްޓްމަންޓް" ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ޙަވާލުކޮށް، ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. 8 މިލިއަން ރުފިޔާ އަށް ޙަވާލުކުރި މިމަސައްކަތް 2019 ވަނަ އަހަރުގެ އެއްބަސްވުމުގައި ވާގޮތުން އަހަރެއްގެ ތެރޭގައި ނިންމާ ސަރުކާރާއި ޙަވާލުކުރަންޖެހެއެވެ. އެހެންނަމަވެސް ހަތަރު ފަންގިފިލާއަށް ހަދަން ފަށާފައިވާ މިޢިމާރާތުގެ މިމަސައްކަތް ކުރިއަށް ނުގޮސް ވަނީ މެދުކެނޑިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ އަލުން މިމަޝްރޫޢުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބަޔަކާއި ޙަވާލުކޮށްފައެވެ. އެމިނިސްޓްރީން މިމަސައްކަތް ހަވާލުކޮށްފައިވަނީ ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއެވެ. އެޑިއުކޭޝަނުން ނޯތް ކޯސްޓާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 8.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އެކުންފުންޏާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނަޢުޝާދު އިބްރާހިމެވެ. އަދި ނޯތް ކޯސްޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޢަލީ ޢިޔާންއެވެ.
ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ހދ.ވައިކަރަދޫގައި ހުންނަ އެއަތޮޅު މަދުރަސާގައި 212 ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލުކުރަމުންނެވެ. އެސްކޫލަކީ މުޅި އަތޮޅަށް ނިސްބަތްވާ ގިނަ ދަރިވަރުންތަކެއް ތަޢުލީމު ޙާސިލުކުރަމުންދާ ސްކޫލެކެވެ. ސްކޫލްގެ ޖާގައިގެ ދަތިކަން އޮތުމުގެ ކަންބޮޑުވުން އެއަތޮޅު ކައުންސިލުން ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއާއި ހިއްސާކުރައްވަފައެވެ. އަދި ބަޖެޓުގައި ހިމެނިފައިވާ ސްކޫލްގެ އައު ޢިމާރާތުގެ މަސައްކަތް އެއަހަރު ފެށިގެންދާނެކަމުގެ ޔަގީންކަން ރައީސްވަނީ ކައުންސިލަށް ދެއްވާފައެވެ.