ޚަބަރު

އާލިއާގެ ހޮލީވުޑް ފިލްމުގެ ޓީޒާއެއް


ނެޓްފްލިކްސް އިން އަންނަ އަހަރު ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ބޮލީވުޑް ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ގެ ޓީޒާ އެއް ދައްކާލައިފިއެވެ.

އާލިއާ މުހިންމު ރޯލެއް ކުޅެފައިވާ މި ފިލްމަކީ ސްޕައި ތްރިލާ އެކެވެ. ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ "ވޮންޑަ ވުމެން" ގެ ތަރީ ގަލް ގެޑޯ އާއި "ދަ ފޯލް"، "ދަ ޓުއަރިސްޓް" އަދި "ރޮބިން ހޫޑް" ފަދަ ފިލްމުތައް ކުޅެފައިވާ ޖެމީ ޑޯނަން ވެސް މި ފިލްމުން ފެންނާނެއެވެ.

އާލިއާ މީގެ ކުރިން ހިންދީ ފިލްމެއްގައި ކުޅެފައި ނުވާ ކަހަލަ އެކްޝަން ރޯލަކުން ފެންނާނެ "ހާޓް އޮފް ސްޓޯން" ގައި ކުޅެފައި ވަނީ ކޭޔާ ދަވަން ކިޔާ ކެރެކްޓާއެކެވެ. ގަލްގެ ކެރެކްޓާއަކީ ރޭޗަލް ސްޓޯން ކިޔާ ކެރެކްޓާއެކެވެ. އަދި ޖެމީ ފެންނާނީ ޕާކާ ކިޔާ ކެރެކްޓާއަކުންނެވެ.

ޓޮމް ހާޕާ ޑައިރެކްޓުކޮށްފައިވާ މި ފިލްމަށް އާލިއާ ޝޫޓް ކުރީ މިދިޔަ މެއި މަހާއި ޖޫން މަހުއެވެ. "ދަ އެއިރޯނޮޓްސް"، "ވިމެން އިން ބްލެކް" އަދި "ވައިލްޑް ރޯޒް" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރަކީވެސް ހާޕާއެވެ.


"ހާޓް އޮފް ސްޓޯން" އަކީ ސްޕައި އެކްޝަން ތްރިލާއެކެވެ. ހާޓް އޮފް ސްޓޯން އުފައްދާ ކުންފުނިތަކުން އެމީހުންގެ ފިލްމުގެ 'ފަސްޓް ލޫކް' ވީޑިއޯ އާންމުކުރިއިރު، ފިލްމުގެ ކެރެކްޓާތައް ތަޢާރަފުކޮށްދިން މި ޓީޒާއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ހޮލީވުޑްގެ ފިލްމަކަށް އާލިއާ ސޮއިކުރި ޚަބަރު އިވުނީ މިއަހަރު ފެބްރުއަރީ މަހު ސިނަމާތަކަށް ގެނައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއިކާތިއާވާޅީ" އަށްފަހުއެވެ. އެ ފިލްމުގައި އާލިއާ ދައްކާފައިވާ އެކްޓިން ހުނަރަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އާލިއާ އެންމެ ފަހުން ފެނުނު "ބްރަމަސްތްރާ" ވެސް އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. އެ ފިލްމަކީ އާލިއާ އާއި ފިރިމީހާ ރަންބީރް ކަޕޫރު އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.

މި މަހުގެ 9 ގައި ރިލީޒްކުރި "ބުރައްމަސްތުރާ: ޕާޓް ވަން-ޝިވާ" އަކީ ޑައިރެކްޓަރު އަޔާން މުކަރްޖީ ގެނެސްދޭން ހަމަޖެހިފައިވާ ޓްރިލޮޖީގެ ފުރަތަމަ ބައެވެ.